ޝައިޚް ޢަލީ ޒައިދު ތައްޔާރުކުރެއްވި "ކައިވެނި" އަލްބަމް ރޭ ރިލީޒްކޮށްފިއެވެ. މެންހައްޓަން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްބަމް ރިލީޒްކޮށްދެއްވީ ޝައިޚް ޢަލީ ޒައިދާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
މިރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ ކައިވެނީގެ ޚުޠުބާ ތަކުގައިދެއްވާ ނަޞޭޙަތް ކިތަންމެ ބާރަށް ދެއްވިނަމަވެސް އަދި މަޑުން ދެއްވި ނަމަވެސް ދެމީހުންނަށް އެވަޤުތު ރަނގަޅަށް އަޑުނުއިވޭ ކަމަށެވެ. ސަބަބަކީ އެވަޤުތު ދެމީހުން އެހެން ދުނިޔެއެއްގައި ތިބޭތީ ކަމަށެވެ.
ޑރ. ޒާހިރު ވިދާޅުވީ މިއަލްބަމްގައި އެނަޞޭޙަތްތައްވެސް ހިމަނާފައި ހުރުމުން އަޑުއިވި އެކަމުގެ ފައިދާ ދެމީހުންނަށްވެސް ކުރާނެ ކަމަށެވެ. އެހެންކަމުން މިއަލްބަމް ވެގެންދާނީ ކައިވެނި ކުރެވުނު ދެމީހުންނަށްވެސް ވަރަށް ފައިދާހުރި އެއްޗަކަށް ކަމަށެވެ.
"މިއީ ޝައިޚް ޝައިޚްގެ ޓީމާއިއެކު ކުރައްވާފައިވާ ވަރަށް ހެޔޮ މަސައްކަތެއް. ކައިވެނިކުރަން މިހާރު ތައްޔާރުވަމުންދާ ފަރާތްތަކަށާއި ކައިވެނިކުރުމުގެ ނިޔަތް އޮތްފަރާތްތަކަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."
މިރަސްމިއްޔާތުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ސުންނަތާއި އެއްގޮތަށް މިފަދަ މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައިނުވުމާއިއެކު މި މަސައްކަތް ކުރެއްވީ ވަރަށް މަތިވެރި ނިޔަތެއްގައި ކަމަށެވެ. އަދި މި އަލްބަމަށް ލަވަހައްދަވައިދެއްވި ބޭފުޅުންނަށާއި ލަވަތައް ކިޔާފައިވާ ފަންނާނުންނަށާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މިއީ ކުރެވުނު ވަރަށް ބުރަމަސައްކަތެއް! ބޭރުން ތާރައެއްވެސް ގެނެސް ރާގުތަކަށް މިޔުޒިކް އެއްގޮތްކުރީ." އެހެންކަމުން ކައިވެނީގެ ފޮނިކަން ދަމަހައްޓަން މިއަލްބަމް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
"ކައިވެނި" އަލްބަމްގެ ލަވަތައް ހަދާފައިވަނީ ދެމަފިރިންނަށް ދޭ ހެޔޮނަޞޭޙަތާއި ކައިވެނީގައި ބަރަކާތް ލެއްވެވުން އެދިގެން ކުރެވޭ ދުޢާ އާއި ކައިވެންޏަށް މަރުޙަބާ ކިޔުންފަދަ މުހިންމު ވަރަށް ގިނަ ބައިތައް ހިމަނައިގެންނެވެ.
ރޭގެ ޙަފްލާގައި ޝައިޚް ޢަލީ ޒައިދުގެ "ބެސްޓް ފްރެންޑް" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި އިސްލާމިކް މިނިސްޓްރީގެ ބައެއް ވެރިންނާއި ދީނީ ޢިލްމްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.