ކުރިއަށް އޮތް ޖޭޕީގެ ކޮންފަރެންސްގައި އެޕާޓީގެ ނައިބު ލީޑަރުކަމަށް ވާދަކުރައްވާ މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އާއި ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިން ހަރަކާތުގެ ތެރެއިން "ޖޭޕީ މެކުހަށް" ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ.
މިހަފުލާގައި މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް ފާހަގަކުރައްވައި އަންހެނުން އެދާއިރަށް ނުކުތުމަށް ބާރުއެޅުއްވިއެވެ.
އަދި ގައުމުގެ ކަންކަމުގައި އަންހެނުންގެ ދައުރާއި ބަސްބުނުން ބޭނުންތެރިކަމަށް ވިދާޅުވެ މިނިސްޓަރ ނަހުލާވަނީ ސިޔާސީ ކަންކަމަކީ އަންހެނުންނަށްވެސް ވާނޭ ކަމެއްކަމުގައި ދެކިގެން ނުކުތުމަށް ކަނބަލުންނަށް ގޮވާލައްވާފައެވެ.
އެކަމަނާވަނީ ޖޭޕީގެ ލީޑަރު ގާސިމްގެ ހިންގުންތެރިކަމާއި އޯގާތެރިކަމުގެ ވާހަކަދައްކަވައި އެމަނިކުފާނަށް ތައުރީފް ކުރައްވާފައެވެ.
ޖޭޕީގެ ނައިބު ލީޑަރުކަމަށް 12 ކެންޑިޑޭޓުން، އަންހެނުންގެ ލީގުގެ ރައީސްކަމަށް 5 ކެންޑިޑޭޓުން، އަންހެނުންގެ ލީގުގެ ނައިބު ރައީސްކަމަށް ހަތަރު ކެންޑިޑޭޓުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީކަމަށް ދެ ކެންޑިޑޭޓުން. ޒުވާނުންގެ ލީގުގެ މެމްބަރު ކަަމަށް 3 ކެންޑިޑޭޓުން، އަދި އަންހެނުންގެ ލީގުގެ މެމްބަރު ކަމަށް 5 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބު އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައި ބާއްވާ ގައުމީ ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ނައިބް ލީޑަރުން އިންތިޚާބު ކުރުމުގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާނެއެވެ.