ޢަޖައިބެއްފަދަ މިމީހަކީ "ލޮބުވެތި މަންމަ"- އެކަމުގެ ސަބަބުތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޢަޖައިބެއްފަދަ މިމީހަކީ "ލޮބުވެތި މަންމަ"- އެކަމުގެ ސަބަބުތައް-!

އޭނާއާއި ބައްދަލުވާން އުޅޭކަން އެނގުނީންސުރެ (ބަލިވެ އިނީންސުރެ) އޭނާގެ (ދަރިފުޅުގެ) ސަބަބުން ދަނީ ތަކްލީފްތައް ޖެހެމުންނެވެ. ދުވަހެއް ދުވަހަކަށް އެތަކްލީފްތައް ބޮޑުވެ (މައިމީހާގެ) ގައިގައި ވޭން އެޅުން އިތުރުވެ ހިނގައި ނުއުޅެވޭ ޙާލަތަށްވެސް ކަންކަން ދެއެވެ. އަދި ރޭގަނޑުގެ ނިދިން މަޙްރޫމްވެގެންވެސް އޮންނަން ޖެހެއެވެ. ތަފާތު ސަބަބުތައް މެދުވެރިވާތީ ނުކައި ނުބޮއިވެސް އުޅެން ޖެހެއެވެ. 

އަދި މިވަރުން ނިމެނީއެއްވެސް ނޫނެވެ. އޭނާއާއި (ދަރިފުޅާއި) ބައްދަލުވާ (ވިހާ) ވަޤުތަކީ އިންސާނެއްގެ ގައިގައި މިދުނިޔެމަތީގައި އަޅާނެ އެންމެ ގަދަވޭން އަޅާނެ ވަޤުތެވެ. އަދި އެވަޤުތަކީ ގައިން އެތައް ބައިވަރު ލޭތަކެއް އޮހޮރިގެންދާނެ ވަޤުތެއްވެސްމެއެވެ. އެލޭ އޮހޮރުން އެތައް ދުވަހަކަށް ދިގުދެމިގެންވެސް ހިނގައިދާނެއެވެ. އަދި އެވަރުންވެސް ފުދެނީއެއް ނޫންވެ. ބައްދަލުވާ ހިނދުން ފެށިގެން (ވިހެއިންސުރެ) އެތައް އަހަރަކަށް އޭނާގެ (ދަރިފުޅުގެ) ތަކްލީފްތައް އުފުލަންޖެހޭނެކަންވެސް އެނގެއެވެ. 

އަހުރެން ކުރަން މިއުޅޭ ސުވާލަކީ މިކިޔައިދިންކަންކަން މިހެންހުރިއިރު، އަދި އެކަންކަން ތިމާއަށް ކުރިމަތިވާނެކަން ޔަޤީންކުރެވޭއިރު، އެމީހަކަށްޓަކައި (ދަރިފުޅަށްޓަކައި) އަބަދު ހެޔޮދުޢާކުރަމުން އެމީހަކާއި ބައްދަލުކުރަން (ދަރިފުޅު ވިހަން) ބޭނުންވާނީ ކާކު ހެއްޔެވެ؟ އެމީހަކާއި ބައްދަލުކޮށް (ދަރިފުޅު ވިހައި) މަރުޙަބާ ކިޔަން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާނީ ކާކުހެއްޔެވެ؟ 

ހިތަށް ގެންނާށެވެ. މިއީ ހަމަ ކޮންމެ މައަކުވެސް އުފަލާއިއެކު އުފުލަމުންދާ ތަކްލީފްތަކެވެ. އެތަކްލީފްތައް މައިމީހާ އުފުލަނީ ނުހަނު ލޯބިންނެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. އެދަރިފުޅު ބޮޑުވުމުން މައިމީހާ އާއި އަޅައިނުލުމުގެ އިތުރުން ހިތުގައި ޖައްސުވައި ދެރަކުރަން ހެޔޮވެދާނެހެއްޔެވެ؟ 

މައިމީހާއަށް ހެޔޮކޮށް ހިތަން 3 ފަހަރު ޙަދީޘްފުޅު ކުރައްވަވައި 4 ވަނަ ފަހަރު ބައްޕައަށް ހެޔޮކޮށް ހިތަން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ދަރިއަކަށް ބަލިވެ އިނދެ ވިހައި ގެންގުޅެ ބޮޑުކުރުމުގައި މައިމީހާ ޢަމަލީ ގޮތުން އުފުލަންޖެހޭ ތަކްލީފްތައް ހަމަ ބޮޑުކަމުންނެވެ. 

ސުވާލުގެ ޖަވާބު ގިން ބޭފުޅުން ދިމާކުރެއްވިކަން ފާހަގަކުރެވެއެވެ. "ލޮބުވެތި މަންމަ" އަދި "ދަރިފުޅުގެ މަންމަ" އެއީވެސް ހަމަ ރަނގަޅު ޖަވާބެވެ. މައަކަށް ވެވޭނީ ދަރިއަކު ލިބިގެންނެވެ. 

އިނާމު ލިބިވަޑައިގެންނެވި މުނާ ވަނީ ފިރިކަލުންނާއިއެކު ބީޓްރޫޓް ކެފޭ އިން ފަރިއްކުޅުއްވައިފައެވެ. އެކަމަށްޓަކައި ދެކަނބަލުންނަށް ޝުކުރު ދަންނަވަމެވެ.

އަދިވެސް މިފަދަ ސުވާލުތައް ހުށަހަޅަމުން ގެންދާނަމެވެ. ރޯދަމަހު ހުވަނދު ލިބިލައްވާނެ ސުވާލުތައް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދަން ވަނީ ހަމަ ޖެހިފައެވެ. އިން ޝާ ﷲ 

 

މިއަދު އޮންލައިން