ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އަނދަޅަށް ވެއްޓެނީ ނޫން ކަމަށާއި ކޮންމެ ފަހަރަކުވެސް އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށް ވިދާޅުވެ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދަށް ހޫނު ރައްދު ދެއްވައިފިއެވެ.
މެމްބަރު ރާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސްތަކަކުން މި ޤައުމު ސަލާމަތް ކޮށްދެއްވީ އިބޫ! މިކަމުގައި ޤާސިމްގެ ދައުރު ބޮޑު. ޤައުމަށް މޮޅެއް ހެވެއް އޮތީ އިބޫ އަށް 2 ވަނަ ދައުރެއް ދީގެން. ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭކަށް ޤާސިމް ބޭނުންފުޅެއްް ނުވާނެ." ކަމަށެވެ.
މިކަމާގުޅިގެން ސައުދު ވިދާޅުވީ ޤާސިމް އަނދަޅަށް ވެއްޓެނީ ނޫން ކަމަށާއި ކޮންމެ ފަހަރަކުވެސް އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށެވެ. އަދި ރާޝިދު އެމޭރުމުން ވާހަކަދެއްކެވީ ޤާސިމް 2023ގެ ރިޔާސީ އިންތިހާބަށް ނުކުތުން ހުއްޓުވަން ކަމަށްވެސް ސައުދުވަނީ ތުހުމަތުކޮށްފައެވެ.