ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާޞިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަޤާމަށް މަޝްހޫރު ލިޔުންތެރިޔާ ޔަޝްފާ ޢަބްދުލްޣަނީ ޢައްޔަންކޮށްފިއެވެ.
ޔަޝްފާއަކީ ޑިޕްލޮމާއިން މެރިން ބަޔޮލޮޖީ، ބެޗެލަރސް އިން ބިސްނަސް މެނޭޖްމަންޓް، މާސްޓަރސް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް ހައްދަވާފައިވާ ތަޢުލީމީ ދާއިރާގައި 15 އަހަރު ޚިދުމަތް ކުރައްވާފައިވާ މުދައްރިސެކެވެ. އަންހެނުންނަށް ޚާއްސަ އޮންލައިން ނިއުސް ވެބްސައިޓެއްކަމަށްވާ ބީފާނުނިއުސްގެ ސީއީއޯއެވެ. އަދި އޭނާއަކީ ތަފާތު އެންޖީއޯތަކުގައި މަސައްކަތްކުރާ ދަރުމަވެރިއެކެވެ.

ލިޔުންތެރިކަމުގައި "ޒީލަން" ގެ ނަމުގައި 2006 ވަނަ އަހަރު ލިޔުނު ދިގުވާހަކައަކީ ޔަޝް ވާހަކަ ލިޔުމުގެ ކެރިއާގެ ފެށުމެވެ. 2008 ވަނައަހަރު ބޭއްވި ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރި ކުރެވުނެވެ. ރާއްޖޭގެ މަތީފަންތީގެ ވާހަކަ ލިޔުންތެރިންގެ ވާހަކަތައް ވެސް ބައިވެރިކުރި އެ މުބާރާތުން ޔަޝްގެ ވާހަކައަށް ވަނީ ދެވަނަ ލިބިގެން ގޮސްފައެވެ. ގެވެށި އަނިޔާގެ މައްޗަށް ލިޔެފައިވާ "ޒީލަން" ގެ ފުރަތަމަ ޗާޕުގެ 1000 ކޮޕީ ވަނީ ތިންމަސް ދުވަހުގެ ތަރޭގައި ވިކި ހުސްވެފައެވެ. މިއީ ޗާޕްކޮށްގެން ނެރެވުނު ޔަޝްގެ ފުރަތަމަ ވާހަކައެވެ.

އޭނާގެ ލިޔުންތަކުގައި މުހިންމު ބޭނުންތެރި މައްސަލަތަކަށް މީހުން ލޯ ހުޅުވައި ދިނުމަކީ ޔަޝްގެ ވާހަކަ ތަކުގެ އެންމެ ބޮޑު މަޤުޞަދެވެ. މިގޮތުން ޔަޝްގެ ގިނަ ވާހަކަތަކުގައި މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށްދީ ކިޔުންތެރިންނަށް އެ ކަންކަމުން ސަލާމަތްވާނެ މަގުތައް ވަނީ ދައްކުވައިދީފައެވެ. ވާހަކަ ލިޔެގެން ވެސް މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ޔަޝް ވަނީ ސާބިތު ކޮށްދީފައެވެ.

ކާމިޔާބީތަކަށް ބަލައިލުމުން ޔަޝްގެ ވާހަކަ ލިޔުމުގެ ހުނަރާއި ކުޅަދާނަކަން ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެންދެއެވެ. މި ގޮތުން ޅަފުރައިގެ އަންހެން ކުދިންނަށް ކުރާ ގޯނާތަކުގެ މައްޗަށް ލިޔެފައިވާ "ޔުކްތާ" މި ވާހަކައަށް، ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުން، 2009 ވަނަ އަހަރު ވަނީ ދެވަނަ ލިބިފައެވެ. ރަށްފުށުގެ ކުދިން މާލޭގައި ތަޢުލީމު އުނގެނުމަށް ކުރާ ބުރަ މަސައްކަތުގެ މައްޗަށް "ލީޝަން" ގެ ނަމުގައި ލިޔުނު ވާހަކައަށް 2011 ވަނަ އަހަރު ވާހަކަ ލިޔުމުގެ މުބާރާތުން ދެވަނަ ވަނީ ލިބިފައެވެ. އަދި އަންހެނުންނަށް ކުރާ ނޭދެވޭ އަނިޔާއާއި ބެހޭގޮތުން ލިޔެފައިވާ "ރުކާން" މި ވާހަކައަށް 2012 ވަނަ އަހަރުގެ ޤައުމީ މުބާރާތުން ވަނީ ތިންވަނަ ލިބިގެން ގޮސްފައެވެ. އަދި މީގެ އިތުރުން "އައިން" އަދި "އީރަމް" ފަދަ ދިގު ވާހަކަ ތަކަކަކީ ކިޔުންތެރިންގެ ބޮޑު މަޤުބޫލުކަން ލިބިގެންދިޔަ ވާހަކަ ތަކެވެ.

ޔަޝްވަނީ ޤައުމީ ފެންވަރުގައި ވެސް ރަން ވަނަތަކެއް ހާސިލް ކޮށްފައެވެ. މިގޮތުން 2014 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމް ޔަޝްވަނީ ހާޞިލް ކޮށްފައެވެ. މީގެއިތުރުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2015 ވަނަ އަހަރު ވަނީ ހާސިލް ކޮށްފައެވެ. އަދި ހދ.އަތޮޅަށް ނުވަތަ ޤައުމަށް ނުވަތަ ރަށަށް ފާހަގަ ކުރެވޭ އަގުހުރި ޚިދުމަތެއް އެކަށީގެންވާ މުއްދަތެއްގައި ކޮށްދީފައިވާ ނުވަތަ ކޮށްދެމުން އަންނަ ފަރާތްތަކަށް ހދ.އަތޮޅު ކައުންސިލުން ދެމުންއަންނަ ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމް 2017 ވަނަ އަހަރު ޔަޝްއަށް ވަނީ ހާސިލް ކޮށްފައެވެ.

ވާހަކަ ލިޔުމުގެ އިތުރުން އިނގިރޭސި ބަހުން ލިޔެފައިވާ މި މުޖުތަމަޢަށް ބޭނުންތެރި މަޢުލޫމާތު ހިމެނޭ ބައެއް ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކޮށް ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނުމުގެ މަސައްކަތް ވެސް ޔަޝް އަންނަނީ ކުރަމުންނެވެ. އަދި އެކިއެކި ސިފަސިފާގައި ދިވެހި އަދަބިއްޔާތާއި ގުޅުންހުރި ކަންކަން އެހެން މީހުންނަށް އުނގައްނައި ދިނުމަކީ ވެސް ޔަޝް ވަރަށް ލޯބިކުރާ ކަމެކެވެ.
ޔަޝްފާއަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ހަރަކާތްތައް ރާއްވާ އަދި ހިންގާ ކަނބަލެކެވެ. އޭނާގެ ދެލި ހިނގާ ގަލަމުން ސިޔާސީ އަދި އިޖްތިމާޢީ އެކިއެކި ރޮނގު ރޮނގުގައި އަންހެނުންގެ ދިފާޢުގައި ވަކާލާތުކުރެއެވެ. ޔަޝްފާ، ޖުމްހޫރީ ޕާޓީގެ އެކިއެކި ހަރަކާތްތައް ރާވާ ހިންގާފައިވާއިރު އެންމެ ފާހަގަކުރެވެނީ ވިމެން އިނީޝިއޭޓް ޓީމެއް އުފައްދާ އަންހެން ބޭފުޅުންނާއިއެކު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އަތޮޅުތެރޭގަޔާއި މާލޭގައިވެސް ހިންގާ ގިނަޢަދަދެއްގެ މެންބަރުން ޕާޓީއަށް ވައްދާފައިވެއެވެ.
"ޔަޝްފާއަކީ މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި އެންމެ ހިތްވަރުގަދަ، އެކްޓިވް، ދޫހެލޭ އަދި ތަޢުލީމީ ޒުވާނެއް. މި ޕާޓީގައި ތަޢުލީމީ ޒުވާނުންނަށާއި އަންހެނުންނަށް ފުރުސަތު އެބޮތް" ޕާޓީގެ ކައުންސިލް މެންބަރެއް ފާހަގަ ކުރިއެވެ.