މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގްލީޑަރުން އިސްނަގައިގެން ކުރިއަށްގެންދާ ޢީދު ޕްރޮޖެކްޓް މި އަހަރުގެ ވަޅުޢީދު ދުވަހު ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.
ގާރލް ގައިޑްސް އެސޯސިއޭޝަނުން ބުނެފައިވަނީ 2000 ވަނަ އަހަރުން ފެށިގެން، މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ މަގުސަދަކީ، އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޢީދު ހަދިޔާ ދިނުމާއި އެ މީހުން ޢީދުގެ އުފަލުގައި ބައިވެރިކޮށް އެ މީހުންނަށްނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން ކަމަށާއި އަދި ޒުވާނުންގެ ހިތުގައި، މިފަދަ މީހުންނަށް ލޯތްބާއި އަޅާލުން އިތުރުކޮށް، މިފަދަ ކަންކަމުގައި އެކުދިންގެ ޙިއްޞާ ފުޅާކުރުން ކަމަށެވެ.
މުޖުތަމަޢުގައި ބޭނުންޖެހިފައިވާ މިފަދަ ބަޔަކަށް އަޅާލައި އެ މީހުންނަކީ ވެސް މުހިންމު ބައެއްކަން ހަނދާންކޮށްދީ އާންމުން ހޭލުންތެރި ކުރުމަކީ ވެސް މި ޕްރޮޖެކްޓުގެ މަގުސަދެއްކަމަށާއި އަދި ހަމަ އެއާއެކު ޒުވާނުންބާރުވެރިކުރުވާ މުޖްތަމަޢުގައިއެކުދިންގެ ދައުރު ފުޅާކޮށް، ތަފާތު ބިނާކުރުވަނިވި ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި ޕްރޮޖެކްޓުގެ މަގުސަދެއް ކަމަށް ގާރލް ގައިޑްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތަކީ ވަރަށް ޝައުޤުވެރިކަމާއެކު މި ކަމުގައި ބައިވެރިވާ ލީޑަރުން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތް މިހައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވެނީ ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކާއި މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަންގެ އެކި ރަށްރަށުގެ ބްރާންޗްތަކުގެ އިސްނެގުމުގެ ދަށުން ފަންޑް އަދި ޑޮނޭޝަންސްގެ ދީލަތި އެހީތެރިކަމާއެކުގައެވެ.
ކޮންމެ އަހަރަކުވެސް، ރަމަޟާން މަސް ފެށުމާއެކު، މި ޕްރޮޖެކްޓްގެ މަސައްކަތްވެސް ވަރަށް ޖޯޝާއެކީ ޔަންގް ލީޑަރުން ފަށައެވެ. މިގޮތުން ކުރިއަށް ގެންދަންޖެހޭ އިދާރީ މަސައްކަތްތައް އަދި ރަސްމީ މުޢާމަލާތްތައް ކުރިއަށް ގެންދެއެވެ. އަދި ހަމަ މިއާއެކު، އެތަނުގައި ދިރިއުޅޭ މީހުންގެ ޢަދަދު ހޯދައި، އެބޭފުޅުންނަށް އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް އެކުލަވާލާ އަދި ޢީދު ހަދިޔާގެ ގޮތުގައި ދޭނެ ތަފާތު ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން މަރުކަޒަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމެވެ. އަދި ޑޮނޭޝަންސް ހޯދުމަށް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަތުރާގުޅޭ މަޢުލޫމާތު ޙިއްޞާކޮށް، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ފިހާރަތަކަށް މި ދަތުރާ ގުޅޭ ސިޓީ ފޮނުވައި، ލިސްޓު ކުރެވިފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރެއެވެ. އެއަށްފަހު، ލިބޭ އެހީތަކާއި ތަކެތި ބައިބަޔަށް އަޅައި، އެ ތަކެތި ޕެކްކުރުމުގެ މަސައްކަތް ކުރެއެވެ. މި ދަތުރަކީ، ގާރލްގައިޑް އެސޯސިއޭޝަންގެ ލީޑަރުން ކޮންމެ އަހަރަކު ވެސް ދުރާލާ ތައްޔާރުވެ އެ ދަތުރަކަށް އިންތިޒާރުކުރެވޭ ވަރަށްވެސް ޚާއްސަ ދަތުރެކެވެ.
މި ދަތުރުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުންދާ ބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބިގެން ދެއެވެ. ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގެ ވަޅުޢީދު ދުވަހު އެ މަރުކަޒަށް ގާރލް ގައިޑު މެމްބަރުން ކުރާ ޒިޔާރަތަށް އެ ބޭފުޅުން އިންތިޒާރު ކުރަމުންދާ ދިއުން ހާމަކޮށްދެނީ މިދަތުރަކީ އެބޭފުޅުންވެސް މިކަމަށް ވަރަށް ބޮޑަށް އެދިއެދި ތިބިކަމެއްކަމެވެ. މީގެއިތުރުން، މި ދަތުރުގެ ސަބަބުން، މި ކަމުގައި ބައިވެރިވާ ލީޑަރުންނަށް އުމުރުންދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް އޯގާތެރިވުމުގެ މުހިންމުކަން އެނގިގެން ދެއެވެ.