ރާއްޖެއަށް މުދައު އެތެރެކުރި ކޮންޓޭނަރަކުން ނުވަތަ އެނޫންވެސް އެއްޗަކުން މަސްތުވާތަކެތި ފެނިއްޖެ! ކުރިއަރަކުން ފޮނުވި ޕާރުސަލަކުން މަސްތުވާތަކެތި ފެނިއްޖެ!
މިއީ މިހާރަކަށް އައިސް ކަސްޓަމްސްގެ ޚަބަރުތަކުން ޢާންމުކޮށް ފެންނަ ސުރުޚީތަކެވެ. މިސުރުޚީތައް ފެނުމުން ރައްޔިތުން ސުވާލުތަކެއް އުފައްދައެވެ. އެސުވާލުތަކަށް ޖަވާބު ބޭނުންވެއެވެ.
މުދައު ލިބޭ މީހާ އެކަމަށް އިންކާރުކުރި ނަމަވެސް ފޮނުވި ފަރާތަކަށް އިންކާރެއް ނުކުރެވޭނެއެވެ! ކުރިއަރުތަކުން ޕާރުސަލްތައް ބަލައިގަންނަނީވެސް ޗެކްކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިއަރުތަކަކަށްވެސް ނުރެކެވޭނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިޚްލާޞްތެރި ނިޔަތެއް ސަރުކާރުގައި އޮތްނަމަ އެފަރާތްތަކާއި ދަޢުވާކޮށް ފިޔަވަޅު އެޅޭނެ ޤާނޫނެއް ފާސްނުކުރަނީ ކީއްވެގެންތޯއެވެ؟
ކަސްޓަމްސްގެ މިއަދުގެ ޚަބަރު:
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.040 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ 15 އެޕްރީލް 2023 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރޭގައި ހުރި 4 ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1040 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.