އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ-

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައި ނިޔާވި ޚަބަރުއެހީ ފުންހިތާމައާއި އެކުގައެވެ. 

މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެކެވެ.

އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފައެވެ. 

އެގޮތުުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަންވެސް ވަނީ ކުރައްވާފައެވެ. 

މަރުޙޫމް މޭޖަރ ޢަލީ ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ 26 އޭޕްރީލް 2023 ވަނަ ދުވަހުގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ.

- މަޢުލޫމާތު: އެމްއެންޑީއެފް

 

މިއަދު އޮންލައިން