ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރަކަށް އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް މިކަމާގުޅިގެން ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި ރާއްޖޭގެ ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިލްހާމް ކަމަށެވެ. އަދި އަމީންއާ ހަވާލު ކުރެވިފައިވަނީ ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށެވެ.
އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފައެވެ. އަމީންއާ ހަވާލު ކުރެވިފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.
ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީވެސް އިލްހާމް އާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި މި މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް ގާސިމް އިބްރާހިމްވަނީ އެދިވަޑައިގެންފައެވެ.