ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަރަބިއްޔާ ސްކޫލުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެފައި މިވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން ހިންގާ، އަރަބިއްޔާ ސްކޫލާއި އެ ސުކޫލުގެ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައި ވަނިކޮށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ މުހިންމު އަދި އިސްކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުން ކަމަށެވެ.