ޤާސިމް އިބްރާހީމްގެ ރިޔާސީ 22 ވަޢުދުގެ އުސް އަލިތައް: ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަށް ޙައްލެއް!

ކިޔުމަށް ހޭދަވާނީ 8މ 12ސ
ޤާސިމް އިބްރާހީމްގެ ރިޔާސީ 22 ވަޢުދުގެ އުސް އަލިތައް: ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކަށް ޙައްލެއް!

ޢާއިޝަތު ޢަލީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވަޢުދުތަކުގެ ކުރު ޚުލާޞާއެއް: 

ތިޔަ ޢިއްޒަތްތެރި ރައްޔިތުން ތިޔަވަނީ އެމް.ޑީ.ޕީއާއި، ޕީޕީއެމްވެސް ތަޖްރިބާ ކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓް ނުކުރެވި އޮތް ސިޔާސީ ފިކުރަކީ 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރި ވި ޖުމްހޫރީ ފިކުރު. އެފިކުރަކީ މިއަދު ރާއްޖެ ޢަމްލުކުރާ ގާނޫން އަސާސީ އާއި ވެރިކަމުގެ ނިޒާމް ގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު. 

އަދި އެފިކުރަކީ ދިވެހި ޒުވާނުންނާ ހަރު މީހުން ބޭނުންވި އިސްލާޙުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި އެންމެ ބޮޑެތި ރިސްކްތައް ނެގި ރިފޯމިސްޓުންގެ ފިކުރު. އަދި އެއީ ގައުމުގެ ހަމަޖެހުމާ ސަލާމަތާ ތަރައްގީގެ ފިކުރުވެސް މެ. އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ޙަޤީޤީ މާނައިގައި ދެކިވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެފުރުސަތު އަޅުގަނޑަށާ ޖުމްހޫރީ ޕާޓީއަށް ދެއްވާ! 

އާދެ! ޖުމްހޫރީ ފިކުރުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންގެ ހާސްކަން ފިލުވާލާ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުމަށް ދިވެހީން ދުވަހަކުވެސް ދެކެފައިނުވާފަދަ އިންޤިލާބީ ބަދަލުތައް ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އަޅުގަނޑު މިވަނީ އެކުލަވާލާފަ!

ދިވެހީންގެ ދީނާއި، ޢަދުލު އިންސާފާއި، ޤައުމީ ސަލާމަތާއި، ސަލާމަތީ ބާރުތަކާއި، ދިވެހީންގެ ޑިމޮކްރަސީއާއި މިނިވަންކަމާއި، ދިވެހީންގެ ޤައުމިއްޔަތާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢުމުރާނީ ތަރައްޤީ ގެ ބޮޑެތި މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމާއި، ދަރަނިވެރިކަމުން ސަލާމަތްވާނޭ އާ ވިސްނުންތަކާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރާނޭ ގޮތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، ޑްރަގްގެ ވަބާއިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި، ވަކިއަތަކަށް ބުރަނުވާ "ދިވެހީން ފުރަތަމަ" އަށް އަންނަ ޚާރިޖީ ސިޔާސަތާއި، ތިމާވެށި ހިމާޔަތްކުރުމާއި، އާޓިފިޝަލް އިންޓެލިޖަންސްއަށް އަހުލުވެރި ދިވެހިރާއްޖެއެއް އުފަން ކުރުވުމާއި، އިންފޯމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމާއި، ވިޔަފާރި ހަރުދަނާކުރުމާއި، އިސްރައްވެހީންނާއި ޒުވާނުންނާއި ކުޅިވަރާއި، އަންހެނުންނަށް ޙާއްޞަ ރަންޒަމާނެއް ގެނައުމާއި، މާލީއިދާރާތަކާއި ޤައުމީ ބޭންކު ހަރުދަނާކުރުމާއި، ރާއްޖޭގެ ދަތުރުފަތުރަށް ހެޔޮ ބަދަލެއް ގެނައުމާއި، ފަތުރުވެރިކަމާއި ގެސްޓުހައުސް އިތުރު ގިޔަރަކަށް ލުން ފަދަ ކިތަންމެ ކިތަންމެ ކަމެއް އަޅުގަނޑުގެ މެނިފެސްޓޯގައި ތަފްސީލްކޮށް ހިމެނިފައިވާނެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މިރޭ އަޅުގަނޑު އަލި އަޅުވާލާނަން ! 

 

1.އިސްލާމް ދީން :

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ފުރިހަމައަށް ދަމަހައްޓާނަން

ތަޢުލީމާއި ތަރުބިއްޔަތާއި ސިޔާސަތުގެ ތެރެއިން އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދިވެހިރާއްޖޭގައި އަށަގަނުވާ ދަމަހައްޓާނަން

މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ދިވެހިރާއްޖޭގައި  ފުރުސަތެއް ނުދޭނަން

 

2މިނިވަންކަމާއި އިސްތިޤްލާލް :

މިފިޔަވަޅު މަތީގައި މިރޭ އަޑަށް ބާރުލާފައި އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް އަޅުގަނޑުގެ ވެރިކަމެއްގައި ގެއްލިގެން ދިޔައަކަ ނުދޭނަން.

ޗާގޯސްއާއި، ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅިގެން ދިވެހީންނަށް ގެއްލިފައިވާ ސަރަޙައްދު އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ އެކްސްޕާޓުންނާއި އެކު އަޅުގަނޑުގެ ވެރިކަމުގެ އެންމެފުރަތަމަ ދުވަހުވެސް މަސައްކަތްފަށާނަން

 

3ސަރަޙައްދީ ތަރައްޤީ:

މުޅިރާއްޖެ އިޤްތިޞާދީ 7 ސަރަޙައްދަކަށް ބަހާލާ، ފުރަތަމަ އިސްކަންދޭނީ އެންމެ އުތުރާއި ދެކުނުގައި ސަރަޙައްދީ ތަރައްގީގެ ލާމެހިފައިވާ އިގްތިސާދީ ވަރުގަދަ ދެ މަންޒިލް ޤާއިމުކުރުމަށް.

 

4އިޤްތިޞާދު:

ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތްވުމަށް އާމްދަނީ އިތުރުކުރުމާއިއެކު، މާލީ ހެޔޮމިސްރާބަކަށް ޤައުމުގެންދާނަން.

ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީ %120 އިން %90 އަށް ތިރިކޮށް، ދައުލަތުގެ ޚަރަދު  ޖީ.ޑީ.ޕީގެ %35 ގައި ހިފަހައްޓާ، ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30ޕަސެންޓަށް އަށް މަތިކުރާނަން. 

ރައްޔިތުންގެ އާބާދީގެ ބޮލަކަށްޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ ޕާރ ކެޕިޓާރ) 18000 ން 27000 މަތިކުރާނަން. 

ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިޔަނުން 1 ބިލިޔަން ޑޮލަރަށް މަތިކުރާނަން

 

5ޒުވާނުންނާއި ކުޅިވަރު:

ރާއްޖޭގައި ބައިނަލް އަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމް ކޮށް  ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމް އެއް އަޅާނަން

ބައިނަލް އަޤްވާމީ މިންގަނޑުގެ މޯޝަންޕިކްޗަރަސް ސްޓޫޑިއޯ އައިލަންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްޤީކޮށް، ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ލިބޭނޭ މަގު ފަހި ކުރާނަން

 

6 ބޯހިޔާވަހިކަން:

ބޯހިޔާވަހިކަމުގެ ހާސްކަމުގައި ތިބި ރައްޔިތުންގެ ހާސްކަން ފިލުވާލާ އަޅުގަނޑުގެ ރިޔާސީ ދައުރު ނިމުގެ ކުރީން މުޅިރާއްޖޭގައި 30000 ( ތިރީސްހާސް ) ހައުސިންގ ޔުނިޓު އަޅާން

ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް އިސްކަންދީ، ޓަވަރުތަކުގައި އިތުރު އެލެވޭޓަރާއި، ބެކަޕްޖަނަރޭޓަރު ބަހައްޓާ، ހިޔާނެއިބަހުޑް ޕާކުތައް ތަރައްޤީކުރާނަން

 

7 މަސްވެރިކަން:

ވެރިކަމުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަމަހުގެ ފްލީޓްގެ ހުރިހާ އުޅަނދެއްގައި، ލޮނުފެނުން މަސްފިނިކުރާ ނިޒާމު RSW SYSTEM (ރެފްރިޖެރޭޓެޑް ސީ ވޯޓަރ ސިސްޓަމްސް) އަދި ރާޑަރސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލުއިލޯނުގެ ގޮތުގައި ހަމަޖައްސައިދީ، ރާއްޖެއަށް ބާނާ މަހަކީ ތާޒާކަންމަތީ މަސްގަންނަ ސެންޓަރުތަކަށް ނުވަތަ ކޭނަރީ ތަކަށް ކިރުވާ، އެންމެ ފެންވަރުރަނގަޅު މަސްކަމަށް ހަދާނަން

 

8 ތަޢުލީމު:

ދިވެހިރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، ކިޔަވައިގެން ނުކުންނަކުދީން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމަށްޓަކައި، ތަޢުލީމީ ސިޔާސަތަށް ބަދަލުގެނެސް ތަންފީޒުކުރާނަން

ޢަރަބިއްޔާ ސްކޫލާއި ޢަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑުގެ ވެރިކަމުގެ އެންމެފުރަތަމަ އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް.

 

9 އިންފޯރމޭޝަން ޓެކްނޯލޮޖީ:

ގޭބިސީތަކަށް އިންޓަރނެޓަކީ އަސާސީ ޚިދުމަތަކަށް ހަދާ، ރާއްޖޭގެ ކޮންމެގޭބިސީއަކަށް ދަށްވެގެން 5 އެމް.ބީ.ޕީ.އެސް    (Mbps) ސްޕީޑް  ލިބޭގޮތް ހަދާނަން

 

10 ކުދިއަދި މެދުފަންތީގެ ވިޔަފާރި:

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 5 އަހަރުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ ހޭދަކޮށް ޜާއްޖޭގެ އެކިހިސާބުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރސް" އުފައްދާނަން

• 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން

 

11 އިޖްތިމާޢީ ޢަދާލަތު:

އާސަންދަ އަކީ  ސިޔާސީ މީހުންގެ ގާތަށް ގޮސް ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް ހަދާނަން. އިންސާފުވެރި، ކޮރަޕްޝަން ނެތް، ބަލިމީހާއަށް ފުރިހަމައަށް އެހީތެރިވެދެވޭ، ޚަރަދުތައް ފުރިހަމައަށް ބެލެހެއްޓިގެން ހިނގާ، އިސްރާފު ނެތް ނިޒާމަކަށް ހަދާނަން.

 

12 ޞިއްޙަތު:

ސްޕެޝަލިސްޓް ޑަކްޓަރަކަށް ދެއްކުމަށް ގިނަދުވަހު ހުންނަން ޖެހުން ނިމުމަކަށް ގެނެސް، 7 ދުވަހުގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކޭނެ ގޮތަށް ހެލްތް ރިފަރަލް ސިސްޓަމް ހަރުދަނާ ކުރާނަން

 

13  ޑްރަގް:

ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަޑުތަކަށް ފެތޭގޮތައް ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާގައި ބޭނުންކުރާނޭ ވަކި އުޞޫލުތަކެތް ފަރުމާކޮށް 3 އަހަރު ތެރޭ ތަންފީޒުކުރާނަން

14 ޢަދުލު އިންޞާފު:

ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކޮށް މައްސަލަތައް އަވަސްކޮށް ދައުލަތުން ރައްޔިތުންނަށް އިންސާފު ޤާއިމް ކޮށްދޭނަން

ރާއްޖޭގެ ފަނޑިޔާރުގެތަކަށް އެކަށީގެންވާ ޒަމާނީ ޢިމާރާތްތައް އަޅާ، އެދާއިރާއަށް އެކަށީގެންވާ ބަޖެޓާއި، ވަޞީލަތްތަކާއި ޕްރޮފެޝަނަލް އަދި ތަމްރީން ލިބިފައިވާ ޖުޑިޝަރީއަކަށް މަގުކޮށައިދޭނަން.

 

15 އިސްރަށްވެހިން:

• 65 އަހަރު ފުރުމުން ދައުލަތުންދޭ އިނާޔަތް -/7000 ރުފިޔާ އަށް އިތުރު ކުރާނަން

 

16 ދަތުރުފަތުރު:

ފާއިތުވި 15 އަހަރުވަންދެން އެކި ސަރުކާރުތަކުން ދިވެހީންނަށް ހުވަފެންދައްކާ ހަޤީޤަތަކަށް ނުހެދިއޮތް ޓްރާންޝިޕްމަންޓް ޕޯރޓް އާއި ބަންކަރިން ފެސިލިޓީޒް މިފަހަރު ހަޤީޤަތަކަށް ހަދާނަން 

 

17 އަންހެނުން:

ދައުލަތުގެ މަޤާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި، އިތުރު ފުރުޞަތުތައް ފަހިކޮށްދޭނަށް

 

18. މާލީ އިދާރާ ހަރުދަނާކުރުން:

ރާއްޖޭގެ އަމިއްލަ ކްރެޑިޓް ކާޑެއް އުފައްދާނަން

އިންވެސްޓްމަންޓް ބޭންކު ތަޢާރުފު ކުރާނަން.

އޮފްޝޯ ބޭންކުގެ ޚިދުމަތް ޤާއިމުކުރާނަށް.

ޑިޖިޓަލް ކަރަންސީ ބޭނުންކުރެވޭނޭ ފުރުޞަތު ހުޅުވާލާން

 

19 . ޤައުމީސަލާމަތާއި، ދިފާޢީބާރު:

ރާއްޖޭގެ  ކަނޑާއި އެއްގަމުގެ ސަރަޙައްދު ވައިގެ މަގުން ބަލަހައްޓާ އިމޭޖެންސީ ޙާލަތްތަކުގައި ވައިގެ ޚިދުމަތް ދެވޭނޭ މިންވަރުގެ ވައިގެ އަސްކަރީ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރާނަން

 

20 ފަތުރުވެރިކަން:

ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހީންނަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ސްކީމެއް ތަޢާރަފުކުރާނަން.

ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް އިތުރު ކުރުމަށް ޑައިވިންގ، ހެލްތް ޓޫރިޒަމް، އިސްލާމިކް ޓޫރިޒަމް، އެޑިއުކޭޝަނަލް ޓޫރިޒަމް، ބޯޓިންގ ޓޫރިޒަމް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރާނަން

 

21 ކަރަޕްޝަން:

އިރާދަފުޅާއެކު އަޅުގަނޑަށް ރާއްޖޭގެ ވެރިޔަކަށް ތިޔަ ބޭފުޅުން ހޮއްވަވައިދެއްވައިފިނަމަ، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ފެންނާނޭ ކަރަޕްޝަނާ އެންމެ ދުރު ސަރުކާރު ކަމުގައި އަޅުގަނޑުގެ ސަރުކާރުވާނޭކަމުގެ ޔަޤީންކަން އަރުވަން!  ދައުލަތުން ވައްކަންކޮށް، ކަރަޕްޝަން ހިންގުމަކަށް އަޅުގަނޑުގެ ސަރުކާރަކުން ޖާގައެއް ނުދޭނަން!

މިއަދު އޮންލައިން