ޑރ. އިޔާޟްގެ ފަހަތުން ދުވީމާ ތާއީދުވީ އިތުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ޑރ. އިޔާޟްގެ ފަހަތުން ދުވީމާ ތާއީދުވީ އިތުރު!

އެކަންކުރުވި ބައަކު އެކަންކުރުވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސިއްސުވާލައި ހުއްޓުވައިލެވޭނެ ކަމަށެވެ. އަދި ޑރ. އިޔާޟަށް އޮންނަ ތާއީދު ގެއްލުވައިލެވޭނެ ކަމަށެވެ. ނަމަވެސް އެކަންވީ އެކަން ކުރުވި މީހުން ހީކުރި ގޮތަކަށް ނޫނެވެ. 

ޚިޔާލާ ފިކުރު ތަފާތުވުމަކީ އެއްވެސް މީހެއްގެ ފަހަތުން މަގުމަތީގައި ދުވަންޖެހޭނެ ސަބަބެއްކަމަށް ބުއްދި ސަލާމަތުން ހުރި ހަމައެކަކުވެސް ޤަބޫލުނުކުރާތީއެވެ. ދުރަތަމަ ކަމަކީ ކޮންމެ ސިޔާސީ ޕާޓީއަކީވެސް ވަކި ފިކުރެއްގެ ބައަކު ކަމެވެ. އެޕާޓީއެއްގައި އުޅޭނީ އެފިކުރަކަށް ތާއީދުކުރާބައެއް ކަމެވެ. 

އެތައް ބައިވަރު ސިޔާސީ ޕާޓީތަކެއް އުފެދި ހިންގަމުންގެންދާއިރު ކޮންމެ ޕާޓީއެއްގައިވެސް މެންބަރުން އެބަ ތިއްބެވެ. އެކަމުން އެނގެނީ އެމީހުންނަކީ އެ ފިކުރަށް ތާއީދުކުރާ ބައަކު ކަމެވެ. އެކަމުން އަންގައިދެނީ އެންމެންނަކީ ސިޔާސީ ކަމުގައި އެއްފިކުރަކަށް ނުވަތަ އެއް ވިސްނުމަކަށް ތާއީދުކުރާ ބައަކު ނޫންކަމެވެ. އެހެން ނޫންނަމަ ގިނަ ސިޔާސީ ޕާޓީތަކަކަށް ބޭނުމެއް ނުވާނެއެވެ. އެއް ޕާޓީ އުފެއްދުމުން އެންމެން ތިބޭނީ އެއް ޕާޓީއެއްގައިކަމެވެ. 

ވިސްނާލަންވީ 2015 ވަނަ އަހަރަށެވެ. ސިޔާސީ އެތައް ލީޑަރުންތަކެއް ހައްޔަރުކޮށް އެވަރުން ނުފުދިގެން އެމީހުންގެ ދަރިންވެސް ހައްޔަރުކުރިއެވެ. އެކަމަކު އެއްވެސް ބައަކު އެކަންކުރި ޕީޕީއެމްގެ ވެރިން ނުވަތަ ސަޕޯޓަރުން ފަހަތުން މަގުތަކުގައި ދުވިތަނެއް ނުފެނެއެވެ. ނުކުމެ މުޒާހަރާކުރީ ދެމުން ގެންދިއަ އަނިޔާތަކާއި ދެކޮޅަށެވެ. 

ސިޔާސީ ގޮތުން ފިކުރު ތަފާތުވުމަކީ އެމީހެއްގެ ފަހަތުން މަގުމަތީގައި ދުވާކަމަކަށް ވާންވެއްޖެނަމަ އެއްވެސް މީހަކަށް މަގުމައްޗަށް ނުކުމެ އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު މީސްމީހުން ފަހަތުން ދުވެ ހެދިއެވެ. މަގުމަތިން ފެނުމުން އެއްޗެތި ގޮވައި އަދި މުދަލަސް ގެއްލުންދީވެސް ހެދިއެވެ. އެކަން ހުއްޓުމަކަށް އައީ އެކަމުން އެއްވެސް ކާމިޔާބީއެއް ނުލިބުމުންނެވެ. އެކަން ވެގެން ދިއައީ ކުރެވުނު ނުރަނގަޅު ތަޖުރިބާއަކަށެވެ. 

އެއްވެސް ފިކުރަކަށް ހުރިހާ ރައްޔިތުންގެ ތާއީދު ލިބޭނެ ނަމަ 2008 ގެ ރިޔާސީ އިންތިޚާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބުކުރެވުނީހެވެ. އެކަމެއް ނުކުރެވުނެވެ. ޖެހުނީ ހަމަ ކޯލިޝަން ހަދާށެވެ. އަދި އެއިގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބަކުންވެސް އެނގުނީ ހަމަ އެކަމެވެ. 

ދީނީ ޢިލްމްވެރިންނަށްވެސް އެބޭފުޅަކު ތާއީދުކުރައްވާ ސިޔާސީ ފިކުރަކަށް ތާއީދުކުރެއްވުމުގެ ލިބިގެންވެއެވެ. އެބޭފުޅުންނަކީވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ދީނީ ޢިލްމުވެރިއަކަށްވުމަކީ ދިވެހި ރައްޔިތުންނަށް ލިބިދޭ ޙައްޤެއް ގެއްލޭ ސަބަބެއް ނޫނެވެ. އެޙައްޤުގެ ބޭނުން ކުރައްވަނީ ޑރ. އިޔާޟް އެކަންޏެއްވެސް ނޫނެވެ. 

ޕާޓީއަކުން ކުރިކަމެއް ނަމަވެސް ބައަކު ކުރިކަމެއް ނަމަވެސް ޑރ. އިޔާޟްގެ ފަހަތުން މަގުމަތީގައި ދުވުން ރައްޔިތުންގެ ގިނަ ބައަކު ބަލައެއް ނުގަތެވެ. އެހެންކަމުން އެކަން ވެގެންދިއައީ ޑރ. އިޔާޟަށް ގިނަ ބައެއްގެ ލޯތްބާއި ހަމްދަރުދީ އިތުރުވެގެންދިއަ ކަމަކަށެވެ. 

މިއަދު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ އެއްވެސް މީހެއްގެ ފަހަތުން ދުވުމަކުން އެމީހެއްގެ ފިކުރު ބަދަލުނުކުރެވޭނެކަމެވެ. އަދި އެފަދަ ޢަމަލުކުރާނަމަ އެކަމުން އެނގެނީ އެބައެއްގެ ހުރި ފެންވަރެވެ. އެފަދަ ކަންކުރާނީ ސިޔާސީ ގޮތުން ކުފޫ ހަމަނުވާ ބައެކެވެ. ގޮތް ހުސްވުމުންނެވެ. 

މިހިރީ ކުރިއަށް އޮތްތަނުގައި ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ކަންކަމެވެ.

 

މިއަދު އޮންލައިން