އުންމު ނަވާރު
ޢީދުގައި އެކި ރަށްތަކުގައި ތަފާތު ކަންތައްތައްކޮށް އުޅެއެވެ. އެގޮތުން މިފަހަރު މިގެނެސްދެނީ ބ. ހިތާދޫގައި އާންމުކޮށް އީދު ދުވަހު މެންދުރު ކެއުމަށް ތައްޔާރުކުރާ މަސްރޮށްޓެއްގެ ވާހަކައެވެ. މިއީ ހާއްސަ މަސްރޮށްޓަކަށްވީ ތަފާތު ގޮތަކަށް ތައްޔާރު ކުރާތީއެވެ. މިއީ ހެދިކާގެ ބާވައްތަކުގެ ތެރެއިން އަހަރަމެންނަށް ފެންނަ ކަހަލަ މަސްރޮށްޓެއް ނޫނެވެ. އެ ބައްޓަމަށް ހުންނަ ނަމަވެސް ސައިޒުން މި މަސްރޮށި ބޮޑެވެ. ތައްތާރުކުރާގޮތާއި ދޭރަހަވެސް ތަފާތެވެ. އީދުގެ އިތުރުން ތަފާތު އެކި މުނާސަބަތުތަކުގައި ތައްޔާރުކުރާ ކެއުންތަކުންވެސް މި މަސްރޮށި ފެނެއެވެ. އަޅުގަނޑު މިއަށް ޢީދު މަސްރޮށި މިކީ މި މަސްރޮށި ހިތާދޫއިން ގިނައިން ފެންނަނީ ޢީދުގައި ކަމަށްވާތީއެވެ.
ތައްޔާރު ކުރަށް ބޭނުންކުރާ ތަކެތި: (މި ރެސެޕީއިން ތައްޔާރު ކުރެވޭނީ 4 މަސްރޮށި)
ބޮޑު 4 ގަބުޅީގެ ހުނި (ޅަ ގަބުޅި)
1 ވަޅޯ މަސް (އާދައިގެ މަހެއް)
32 ހިކަނދިފަތް
ދިރިކޮޅެއް (ރަހަލާ ވަރަށް)
ރީދޫކޮޅެއް (ކުލަ އަރާވަރަށް)
ލޮނު ކޮޅެއް (ރަހަލާވަރަށް)
4 ފިޔާ (ބޮޑު)
6 ބިސް
ލޮނުމެދުކޮޅެއް (ބޭނުންނަމަ)
ގިތެޔޮ މިރުސް (ކުޅި ކުރަށް ބޭނުންވަރަކަށް)
ތައްޔާރުކުރާ ގޮތް:
ވަޅޯމަސް ކޮށާފަ މިކްސަރުން ކުޑަކޮށް މުގުރާލާށެވެ. ފިޔައާއި ލޮނުމެދާއި ގިތެޔޮ މިރުސް ކޮށާލާށެވެ. އެއަށްފަހު ގާނާފައި ހުރި ގަބުޅި ހުނި ތެރެއަށް ކުރިން ކޮށާފަ ހުރި ފިޔާ،ލޮނުމެދު އަދި ގިތެޔޮ މިރުސް ކޮޅު އަޅާލާށެވެ. ދެން ހިކަނދިފަތާއި ދިރިކޮޅުވެސް އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މިކަސަރުން ފުނޑާލާށެވެ. ފުނޑާލާފައި ހުރި ޕޭސްޓު އެހެން ބޯތަށްޓަކަށް އަޅާލާފަ އޭގެ ތެރެއަށް މުނގުރާފަ ހުރި މަސްކޮޅާއި ލޮނު އަދި ބިސް އެޅުމަށްފަހު މޮޑެލާށެވެ. ދެން ހަތަރު ބަޔަށް ބައި ކޮށްލާފައި ބޮޑު ގުޅައަކަށް އިހަށް ބަހައްޓާލާށެވެ.
މަސްރޮށި ފިހުމަށް ތައްޔާރު ކުރަންވީގޮތް:
ކެޔޮފަތްގަނޑެއް ކެނޑުމަށްފަހު ރީތިކޮށް ދޮވެލާފައި ހިއްކާލާށެވެ. އެފަތުން ހަތަރެސްކަށް ބައްޓަމަށްވާ ގޮތަށް 8 ފަތްކޮޅު ކަފާލާށެވެ. ކެޔޮފަތަށް ކުރިން މޮޑެފައި ބައިކޮށްފައި ހުރި ގުޅައިން ބައެއް އެޅުމަށްފަހު ފަތުރާލާށެވެ. ފަތުރާލާނީ ވައްކޮށް ބައްޓަށް އަންނަ ގޮތަށެވެ. އެހާ ތުނި ނުކުރާށެވެ. މީގެ މަތީގައިވެސް ކެޔޮފަތް ކޮޅެއް ބާއްވާލާށެވެ. ރޮށި ފިހަން ގެންގުޅޭ ލޯފައްޗަށް ލުމަށްފަހު މަޑު ގިނީގައި ފިހެލާށެވެ.
މިއީ ބ އަތޮޅު ހިތާދޫ މީހުން ފިހާ ތަފާތު މަސްރޮށްޓެކެވެ. މި މަސްރޮށި އާންމުކޮށް ކައި އުޅެނީ ރިހައާއި ބަތާއި އެއްކޮށްނެވެ. ހަނޑޫ ބޮޑިބަތާއި އެކުވެސް ކެއުމަށް މީ ވަރަށް މީރު އެއްޗެކެވެ. ހިތާދޫއަށް ދެވެއްޖިއްޔާ މީގެ މަސްރޮށްޓެއް ކޮންމެހެންވެސް ކާންވާނެއެވެ.
ލިޔުނީ: އުންމު ނަވާރު