ޖީޑީޕީގެ ފަންސާސް އިންސައްތައަށްވުރެ ދަރަނި އިތުރުވެއްޖެނަމަ ވަރަށް ނުރައްކާވީ ކަމަށާއި ގައުމު ސަލާމަތެއް ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޖިހާދު ވިދާޅުވީ "ޖީޑީޕީގެ 50 އިންސައްތައަށްވުރެ ދަރަނި އިތުރުވެއްޖެނަމަ ވަރަށް ނުރައްކާވީ. ގައުމު ސަލާމަތެއް ނުވާނެ. ރާއްޖެއޮތީ ރަތައް އަރާފަ. ދަރަނި ނެގުމަކީ މައްސަލައެއްނޫން. ދަރަނި ނަގަންވާނީ އާއްމުދަނީ ލިބޭ ކަންތައްތަކަށް. ޕްރޮޖެކްޓްތަކުންވެސް އާއްމުދަނީ ލިބެންޖެހޭނެ. ހާސްކަމެއްތެރެއަށް އަންނާނީ 2026 ވަނަ އަހަރު. އެހެންނަމަވެސް ލީޑަރުގެ ވެރިކަމެއްގައި މިކަމަށް ޕްލޭންތަކެއްކޮށް މިކަން ހައްލުކުރާނަން." ކަމަށެވެ.
ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖީޑީޕީއަކީ މިހާރު 100 ބިލިއަން ރުފިޔާކަމަށާއި ރާއްޖޭގެ ދަރަނި މިހާރު އަންދާޒާކުރެވެނީ 115 ބިލިއަން ރުފިޔާގައިކަމަށެވެ. އަދި އަހަރު ނިމޭއިރު މިއަދަދު 120 އަށް އަރާނެކަމަށް ގަބޫލުކުރެވޭކަމަށް ޖިހާދު ވިދާޅުވިއެވެ.