ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާއި ގުޅޭގޮތުން ތަފާތު ވަރަށް ގިނަ ވާހަކަތައް ވަރަށް ފަށުވި ޢިބާރާތުން ޤައުމުގެ ވެރިންނާއި ސިޔާސީ ބޭފުޅުން ދައްކަވައެވެ. އެކަމަކު އަޅުގަނޑުމެންގެ ޙަޤީޤީ ޙާލަތާއިމެދު ވިސްނައިލެވޭބާވައެވެ!
ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ބައިނަލް އަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ކޮންމެ އަހަރަކު ބައިވެރިވާއިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ނުލިބުނު ނަމަވެސް މިހާރު މިވަނީ 2 ކަމަކުން ޜާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ވަނަ ލިބިފައެވެ. އެއީ ވަރިކުރާ ޢަދަދު ގިނަވުމުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިޞްބަތުންނެވެ.
"އަޅުގަނޑުމެންގެ ރަށަކީ ރަށުގެ ސައިޒުގެ ގޮތުން އެންމެ ކުޑަ ރަށެއްކަމުގައި ނުވިނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަށް ބަލައިފިނަމަ ދިރިއުޅޭ މީސްކޮޅު ވަރަށް މަދެވެ. ޒުވާނުންގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން ވަނީ އިންތިހާއަށް ގިނަވެފައެވެ. ވައްކަންކުރުން ވަނީ އިންތިހާއަށް ގިނަވެފައެވެ.
ނަޞީބަކުން އަންހެންކުދިންގެ ތެރެއަކު އަދި އެކަމެއް ނެތެވެ. އަންހެންކުދިން އެކަމަށް ނަފްރަތުކުރެއެވެ. އެހެންވެ ރަށުގެ ޒުވާނުންނާއި ކައިވެނިކުރާކަށް އެކުދިން ބޭނުމެއް ނުވެއެވެ. އެހެންވެ އެކުދިން ކައިވެނިކުރަނީ އެހެން ރަށްރަށުގެ ފިރިހެނުންނާއިއެވެ. ބަލަނީ ރަށްދޫކޮށްފައި އެހެން ރަށަކަށް ދެވޭނެ ގޮތަކަށެވެ. ބޮޑަށް ބޭނުންވަނީ ފިރިމީހާގެ ރަށަށް ދިރިއުޅެން ދިއުމަށެވެ."
މިއީ މިއަދުނޫހަށް ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ މަޢުލޫމާތެވެ!
ވިސްނަވައިލައްވާށެވެ! މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވަމުން އައުމަކީ އިޖުތިމާޢީ ގޮތުން މިފަދަ ބޮޑު މައްސަލައަކަށްވެފައިވާއިރު އެއީ އިސްލާމް ދީނާއި ދުރުވާ މީހުން ކަމުގައި ވެގެންނުދާނީތޯއެވެ؟ އެހެންކަމަށްވާއިރު ރާއްޖޭގެ ވެރިކަމުން އަދާކުރަންޖެހޭ ޒިންމާ ކޮބައިތޯއެވެ؟
ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ލިބެންޖެހޭ ރައްކައުތެރިކަން ނުލިބޭނަމަ އަދި ދީނަށް ލޯބިކުރާ ބައަކު ކަމުގައިވުމުން ދުރުހެލިވަމުން އަންނަ ނަމަ ރައްޔިތުންނަށް ވެރިކަމުން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭނެތޯއެވެ؟ އެ ޙައްޤުތައް އަދާނުކުރެވޭނަމަ މިނިވަންކަން ދިފާޢުކުރެވޭކަމަށްވާނެތޯއެވެ؟
އިޖުތިމާޢީ ޢަދާލަތު ގެއްލެމުންދާނަމަ އަދި ދީނަށް ލޯބިކުރުން ގެއްލެމުންދާނަމަ އެބައެއްގެ ތެރޭގައި އޮންނާނީ ކޮން މިނިވަންކަމެއްތޯއެވެ؟
ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ފާފަތައް ކުރުމުގައި އެންމެ ކުރިއަރާފައިވާ ޤައުމަކީ ތައިލަންޑުކަމަށް ބުނެވެއެވެ. ތައިލަންޑުގެ ވެރިރަށަކީ ބެންކޮކެވެ. މަގުމަތީގެ އަމާންކަމަށް ބަލައިފިނަމަ އަމާންކަން ބޮޑީ ބެންކޮކުގައިތޯ ނުވަތަ ރާއްޖޭގައިތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ.
ބައެއް ޝޮޕިންގ ކޮމްޕްލެކްސްތައް ބަންދުކުރާ ގަޑި ޖެހޭއިރު ރައްކާ ނުކުރެވި ހުންނަ މުދައު ހުރިތަނުގައި ބަހައްޓާފައި މީހުންދާތަން ފެނެއެވެ. މާލޭގައި އެގޮތަށް ހިނގައްޖެނަމަ އެއެއްޗަކަށް ވާނީ ކިހިނެއްބާވައެވެ!
ވީމާ މިނިވަންކަމަކީ ޤައުމުގެ ނަން މިނިވަންވުމެއް ނޫނެވެ. މިނިވަން ޤައުމުތަކުގެ ލިސްޓުގައި ޤައުމުގެ ނަން އޮތުމެއްވެސް ނޫނެވެ. ރައްޔިތުންނަށް މިނިވަންކަމާއިއެކު ޤައުމުގައި ދިރިއުޅުމުގެ މިނިވަންކަން ނެތްނަމަ ޤައުމުގެ ނަން ކޮންމެ ލިސްޓެއްގައި އިނުމުން ކުރާނީ ކޮން ފައިދާއެއްތޯއެވެ؟
ދެން ބަލައިލަންވީ މިއަދު ރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެއްތޯއެވެ؟ އެގޮތުން ބަލާއިރު ބޭރު ޤައުމެއްގެ ސިފައިން ޢަދަދުވެސް ނޭނގޭހައި ގިނަ ޢަދަދަކަށް ރާއްޖޭގައި ތިބުމާއި ވަކި ޤައުމެއްގެ ބާރާއި ނުފޫޒު ސަރުކާރު ހިންގުމަށް ފޯރުވުން ފަދަ ކަންކަން އަނގައިދެނީ ކޮން ކަމެއްކަމާއިމެދު މިއަދު ނުވިސްނައިފިނަމަ މާދަމާ ކުރިމަތިވާނެ ކަންކަމަށް ވިސްނައިލުން މުހިންމުކަން ފާހަގަކުރެވެއެވެ.