މި އޮތީ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ރަހަމީރު ކަނަމަދު ރޮށިގަނޑުގެ ރެސެޕީއެއް!

ކިޔުމަށް ހޭދަވާނީ 1މ 51ސ
މި އޮތީ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ރަހަމީރު ކަނަމަދު ރޮށިގަނޑުގެ ރެސެޕީއެއް!

އުންމު ނަވާރު

 

ކަނަމަދުން ހަދާ ކޮންމެ އެއްޗަކީ ގިނަ ބަޔަކަށް މީރު އެއްޗެކެވެ. އެގޮތުން ކަނަމަދު ރޮށިގަނޑަކީވެސް ދިވެހިންގެ ތެރޭގައި މަގުބޫލު އެއްޗެކެވެ. މަޑު ފޮނިރަހައެއް ދޭ މި ހަދިޔާ ގިނަ ރަށްރަށުގައި ހަދައި އުޅެނީ އީދު ޗުއްޓީއާއި ދިމާކޮށެވެ. ރަށަން އަރާ ގާތްތިމާގެ ރައްޓެހިންނާއި ބީރައްޓެހިންނަށްވެސް ހަދިޔާގެ ގޮތުގައި ކަނަމަދު ރޮށިގަނޑު ދީ އުޅެއެވެ. ކަނަމަދު ރޮށިގަނޑަށް އެކި ރަށްރަށުގައި ތަފާތު ނަންތައް ކިޔައި އުޅެއެވެ. 

ބޭނުންވާ ތަކެތި: (މި ރެސެޕީއިން ތައްޔާރު ކުރެވޭނީ އެއް ކަނަމަދު ރޮށިގަނޑެވެ) 

ހަނޑޫ ލާސެއް

ހަކުރު އެއްލާހި ބައި

ކަނަމަދު ލާސެއް

1 ޖޯޑު ފެން 

ތައްޔާރު ކުރާނެ ގޮތް: 

ރޭގަނޑު ވަގުތުގައި ހަނޑޫކޮޅު ފެނަށް ލާފައި މަޑު ކޮށްލަން ބަހައްޓާލާށެވެ. ހެނދުނު ތެދުވެ ހަނޑޫކޮޅު ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ހަނޑޫކޮޅު ފުރޭންޔަކަށް ނެގުމަށްފަހު ކުޑަކޮށް ފެންދެމެލަންދެން އިހަން ބަހައްޓާލާށެވެ. މިކަމަށް ގާންގަނޑަކަށް 10 ވަރަކަށް މިނެޓް ނަގާފާނެއެވެ. ހަނޑޫކޮޅު ރަނގަޅަށް ފެން ދެމެލުމުން ހަނޑޫކޮޅު ހިމުންކޮށް މިކްސަރުން މުގުރާލާށެވެ. ކަނަމަދުކޮޅުވެސް މިކްސަރުން ކުޑަކޮށް މުގުރާލާށެވެ. ކަނަމަދުކޮޅު ހިމުން ނުކުރާށެވެ. 

ކަނަމަދު ރޮށިގަނޑު އަޅަން ތައްޓެއް ނުވަތަ ޓްރޭއްއެއްގައި ކުޑަ ތެޔޮކޮޅެއް ނުވަތަ މާޖިރީންކޮޅެއް އުނގުޅާލާފައި އިހަށް ބަހައްޓާށެވެ. 

ތާހެއް ނުވަތަ ތެއްޔެއް އުނދުން މައްޗަށް އުދުމަށްފަހު ހަކުރުކޮޅު އަޅާލާށެވެ. ހަކުރުކޮޅު ތެރެއަށް ފެންފޮދުވެސް އަޅާލާށެވެ. ހަކުރުކޮޅު ވިރެންދެން ދޭފަތަކުން ހަލަމުން ގެންދާށެވެ. އުދުނުގެ ގިނި ބަހައްޓަށްވާނީ މަޑުކޮށްނެވެ. ހަކުރުކޮޅު ރަނގަޅަށް ވިރުމުން ކުރިން މުގުރާލައިފައިވާ ހަނޑޫ ފުއްކޮޅު އަޅާލާށެވެ. އެއަށްފަހު ތެލީގައިވާ ތަކެތި ރަނގަޅަށް އޮލަވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ. ތެލީގައިވާ ތަކެތި އޮލަވުމުން މުގުރާފައިވާ ކަނަމަދުކޮޅު އަޅާލާށެވެ. ކަނަމަދުކޮޅު އެޅުމަށްފަހު ހުއްޓާނުލާ ދޭފަތުން ހަލަމުން ގެންދާށެވެ. ދެން ތެލީގައިވާ ތަކެތި ހިކެންފެށުމުން އަވަހަށް އުނދުން ނިވާލާފައި ކަނަމަދު ރޮށިގަނޑު އަޅަން ތައްޔާރު ކޮށްފައިވާ ތައްޓަށް އޮށްސާލާށެވެ. ވައްކޮށް ކަނަމަދު ރޮށިގަނޑުގެ ބައްޓައް އަންނަ ގޮތަށް ފަތުރާލާށެވެ. ކަނަމަދު ރޮށިގަނޑުގެ ބޯމިނުގައި އިންޗިއެއް ބަހައްޓާލާށެވެ. 

އެކިރަށްރަށުގައި ތަފާތު ގޮތްގޮތަށް ކަނަމަދު ރޮށިގަނޑު ހަދާ އުޅޭ ކަމަށްވެއެވެ. 

ލިޔުނީ: އުންމު ނަވާރު

 

 

މިއަދު އޮންލައިން