ސްކޫލުން ދޭ އިސްލާމްދީނާ ޚިލާފް މެސެޖްތަކުގެ ސަބަބުން ބެލެނިވެރިންނަށް ދަރިންގެ ކޮންޓްރޯލް ގެއްލިއްޖެ- ގޮތް ހުސްވެއްޖެ! ނުފޮނުވައިފިނަމަ ހަރުކަށިމީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ސްކޫލުން ދޭ އިސްލާމްދީނާ ޚިލާފް މެސެޖްތަކުގެ ސަބަބުން ބެލެނިވެރިންނަށް ދަރިންގެ ކޮންޓްރޯލް ގެއްލިއްޖެ- ގޮތް ހުސްވެއްޖެ! ނުފޮނުވައިފިނަމަ ހަރުކަށިމީހަކަށް!

ތިރީގައި އެވަނީ ކިޔުންތެރިއަކު މިއަދުނޫހަށް ހިއްޞާ ކުރެއްވި ވާހަކައެކެވެ. އޭނާ ވިދާޅުވެފައިވަނީ މި ކަން މީގެ ކުރިންވެސް ސޯޝަލްމީޑިއާ އާއި ޙިއްޞާ ކޮށްފައިވާނެކަމަށެވެ. ނަމަވެސް ނުކުތް ނަތީޖާއެއް ނުފެނުނު ކަމަށެވެ. 

ކިޔުންތެރިޔާ އެބުނާ ވާހަކަ ޝައުޤުވެރިކަމާއިއެކު ވިދާޅުވާށެވެ! 

އަޅުގަނޑު 12 އަހަރުގެ ދަރިފުޅު ކައިރީ މިޔުޒިކްގެ ނުބައިކަމުގެ ވާހަކަ ކިޔައިދިނީމެވެ. އެހެންނަމަވެސް ދަރިފުޅު އަޅުގަނޑު ކައިރީ ބުނީ "މަންމަ ތިހާ އަޅުގަނޑު މިޔުޒިކް އާއި ދުރުކުރުން ބޭނުންނަމަ އަޅުގަނޑު ސްކޫލަށް ފޮނުވަނީ ކީއްކުރަންތޯއެވެ." 

ސްކޫލްގައި ކޮންމެ ދުވަހަކު ޅަފަތުގައި އުނގެނަމާ ކިޔާފައި ފަށަނީ މިއުޒިކުންނެވެ. އަދި ބައެއް ދުވަސް ދުވަހު އެސެމްބްލީގައިވެސް ތަފާތު ނެށުމުގެ އިވެންޓްތައްވެސް ބާއްވައެވެ. ލަވަ މުބާރާތާއި ތަފާތު ކޮމްޕެޓިޝަންތައް ބާއްވައެވެ. ކުޑަ ކުޑަ އިވެންޓެއް ވެސް މިޔުޒިކާއި. ލަވަ ނުލާގޮތަށް ބާއްވާނެ ނަމައޭ މަންމާ ބުނެއެވެ. މަންމާއެވެ! ސްކޫލް ޕްރިންސިޕަލް މަންމައަށް ވުރެ މާ މޮޅުވާނެއެވެ. އެހާ ގޯސްކަމެއް ނަމަ ޕްރިންސިޕަލް އެކަން ހުއްޓުވާނެއެވެ. މަންމަ އަށް ނޭންގެނީއެވެ.

ސްކޫލް އަކީ ދެވަނަ މަދަރުސާއަށް ވާއިރު އެތަނުގައި ދީނީ ހޭލުންތެރިކަން ކުޑަކޮށް މުންކަރާތްތައް ހިންގަމުންދާއިރު އެކަމާ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރިޔަސް މިއަދު މިވަނީ އެ ބަލެނިވެރިޔަކު ކުށްވެރިވާ ހިސާބަށް ޤައުމު ގޮއްސައެވެ. އިސްލާމް ކަމަކީ ލިބިފައި އޮންނަ ލަގަބެއް ހެއްޔެވެ؟ ދަރިވަރުން ފަހު ދުވަހަށް ތައްޔާރު ނުކުރެވި ތިއްބާ ބާލިޣުވެ ފުރާ ފުރިހަމަވާ ހިސާބުން ވެސް އަޖަލު ޖެހިދާނެކަން ގައިމެވެ. ދުނިޔެ ހޯދުމަށްޓަކާ އާހިރަތް ވިއްކާލައިގެން ތިބީމައި އެ ގެއްލިގެން ދިޔައީ ދުނިޔެއާއި އާހިރަތެއް ނޫން ހެއްޔެވެ؟ ދުނިޔެ ފޮނުއްވެވި މަގުސަދު  ބޭކާރު ހަޔާތެއްގެ ގޮތުގައި ނިމިގެން ދިޔައީއެވެ. 

މިބާވަތުގެ ކަންކަމަށް ކަންބޮޑުވެ ބެލެނިވެރިއަކު ދަރިފުޅު ސްކޫލަށް ނުފޮނުވައިފިނަމަ އެވީ ހަރުކަށިފިކުރުގެ މީހަކަށެވެ. ފޮނުވުމުން މިފެންނަނީ މުޅިން ތަފާތު ކަންތައްތަކެކެވެ. ވީމާ ބެލެނިވެރިންނަށްވެސް މިއަދު މިވަނީ ފުޅަނގަށް ޖެހިފައިވާ ޙާލު ޖެހިފައެވެ. 

ފީނައިގެންފިނަމަ މިޔަރު ކައިލާނެއެވެ. އުދުހިގެންފިނަމަ ހޯރަ ކައިލާނެއެވެ! 

ޤުރްއާނުގައިވާ ފަދައިން އަހުލުވެރިން ގޮވައިގެން ސުވަރުގެދާން މިހާރު ކުރިމަތިވެފައިވާ ހުރަސްތައް ގިނަކަމާއެވެ! ނުރައްކާތެރިކަން ބޮޑުކަމާއެވެ! 

މިކަމުގައިވެސް ވަރަށް މަކަރުވެރި ގޮތަކަށް ކަންތައް ކުރެއެވެ. އެއީ ޝައިޠޯނާއަށް ކުރާ ކައްކައިދޭ އެސެމްބްލީގައި ޤުރްއާންވެސް ކިޔަވައެވެ. އެހެންވީމާ ވިސްނައިދޭން މަސައްކަތްކުރަނީ މިހުރީ ކޮންމެހެން ކުރަން ޖެހޭ އެއްވަރުގެ ކަންކަން ކަމަށެވެ. ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.

މިއަދު އޮންލައިން