ޤާސިމް އިބްރާޙީމްގެ ނަންފުޅު، ވޯޓު ކަރުދާހުގައި އޮންނާނެ: ޖުމްހޫރީ ޕާޓީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޤާސިމް އިބްރާޙީމްގެ ނަންފުޅު، ވޯޓު ކަރުދާހުގައި އޮންނާނެ: ޖުމްހޫރީ ޕާޓީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، އޮނަރަބަލް ޤާސިމް އިބްރާޙީމްގެ ނަންފުޅު، ވޯޓު ކަރުދާހުގައި އޮންނާނެކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ.

ޖޭޕީ އިން މިހެން ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަވާން ދުވަސް ކައިރިވަމުންދާއިރު ވެސް، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައި ނުވާކަމަށާއި، އެއީ މި އިންތިޚާބުގައި ޤާސިމް ވާދަ ނުކުރެއްވުމުގެ "ސިގްނަލެއް" ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ވާހަކަތަކަށް ރައްދުދީ ޖޭޕީން ބުނީ، ޤާސިމް އިބްރާޙީމަކީ، ކޮންމެ ކަމެއްވެސް އޭގެ އެންމެ ރަނގަޅު ވަގުތުގައި، އޮންނަ އުސޫލުގެ ތެރެއިން ކުރައްވާ ބޭފުޅެއްކަމަށާއި ޤާސިމްގެ ކޮންމެ ނިންމެވުމަކީ ވެސް، ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށްގެން ނިންމަވާ ނިންމެވުމެއް ކަމަށާއި، މިފަދަ ކޮންމެ ނިންމެވުމެއްގެ ސަބަބުން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް "ލޮޅުން" ގެންނަވާކަން ޖޭޕީން ފާހަގަކުރެއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނީ އަންނަ ހޯމަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ، ތަފާތު ގޮތަކަށް، ވަރަށް ރޭވި، އިންތިޒާމުކުރެވިގެންކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޤާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު އޮތް ބައެއް ބޭފުޅުންގެ ތެރޭގައި، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމާއި، ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އަހްމަދު ނާޒިމް އަދި ރައީސުލްޖުމްހޫރީއްޔާގެ ކުރީގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު ހިމެނިވަޑައިގަންނަވައެވެ.

 

މިއަދު އޮންލައިން