މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމްގެ ރަނިންގ މޭޓަކަށް ޑރ. އަމީން އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓިގެ މައި މަރުކަޒު މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންވިދާޅުވީ ތަޢުލީމީ ދާއިރާ އާއި ޒުވާނުންކުރިއެރުވުމަށާއި ކުޅިވަރާއި މުނިފޫހި ފިލުވުމާއި އިޖުތިމާޢީ ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެމަނިކުފާނު މީގެ ކުރިން ކުރައްވާފައިވާ ޤައުމީ ޚިދުމްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކަށް އެމަނިކުފާނާއިއެކު ކުރިއަށް ދިއުމަށް ދަޢުވަތު ދެއްވާ ކަމަށެވެ. ނަތީޖާ ނެރެ ބޮޑުތަނުން ކުރިއަރައިގެން ދެވޭނެ ކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖެއަށް މިހާރުކުރިމަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތައް ޙައްލުކުރެއްވޭނެ ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަމަށާއި އެހެންކަމުން މިއީ ރައްޔިތުން އެކަމަށް ޤާސިމް އިބްރާހީމަށް ފުރުޞަތުދޭންވީ ވަޤުތު ކަމަށެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ 2008 ވަނަ އަހަރާއި ހަމައަށް އެމައްސަލަ ޙައްލުކުރަން އދ ގެ ޖަމާޢަތްތަކާއި ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެއިގެ ފަހުން އައި ސަރުކާރުތަކުން ކަންކަމަށް ލުއިދީ ކޮންޓްރޯލް "މުށުތެރެއިން" ދޫކޮށްލުމުން ކޮންޓްރޯލް ގެއްލިގެންދިއައީ ކަމަށެވެ.
މުޅި ޤައުމަށް އެންމެ ބޮޑުވަބާއަކަށްވެފައިވާ ޑްރަގްގެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ޤާބިލްކަން ޤާސިމް އިބްރާހީމްގެ ކިބައިގައި އެބަހުރިކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން އިބްރާހީމް އަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބަދަލެއް ނުގެންނަވައި ޚިދުމަތުގައި ދެމިހުންނަވާ ޚިދުމަތްތެރިއެކެވެ.