ދިވެހި މަސްވެރިން ބާނާ މަސް، ކިލޯއަކަށްވުރެ 25 ރުފިޔާއަށްވުރެ ބޮޑު އަގުގައި މަސްވެރިންގެ އަތުން ގަންނަން ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ ފާހަގަކުރެއްވި ގޮތުގައި މިފްކޯއަށް މިހާރުވެސް މަސްގަންނަނީ ދުނިޔޭގެ ބާޒާރަށްވުރެ ބޮޑު އަގުގައެވެ. އެކަމުން މަސްވެރިންނަށް ލިބެންވާ ފައިދާ އާއި މަސްވެރިންނަށް ލިބެންޖެހޭ ކުރިއެރުން ނުލިބެނީ ގޮތް ނުއެނގޭ ކަންތައްތަކެއް ހިންގަމުންދާތީއެވެ. އެއިގެ ތެރެއިން ބައެއް ކަންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ 2 އަހަރުތެރޭ ކޮންމެ 15 މޭލުގެ ސަރަހައްދަކުން އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ. މަސްވެރިންނަށް ދެއްވާ ފައިސާ އިތުރުކުރައްވާނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެ ޢާދައިގެ ފެންވަރުގެ މީހުންނަށްވެސް ގެއްލުމަކަށްނުވާނެ ގޮތަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަސްވެރިންނަށާށާއި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ފައިސާ އިތުރުކުރެވޭނީ މިފްކޯގެ ކޮރަޕްޝަން ހުއްޓުވައި އަދި ދައުލަތުގެ ބަޖެޓުންވެސް މަސްވެރިންނަށް ފައިދާކުރާނެ ގޮތަށް ހޭދަކޮށްގެން ކަމަށެވެ. "ދައުލަތުން ސަބްސިޑީ ދީގެންވެސް މިކަން އަޅުގަނޑުކުރާނަން." ކަމަށްވެސް ވިދާޅުވިއެވެ.