މިސަރުކާރުން ދަރަނިނަގަމުން ގޮސް ރާއްޖޭގެ ދަރަނިތައް އިންތިހާއަށް ބޮޑުވެ އަތްނުފޯރާފަށަށް އަރައިގެންދިއައިރު އަނބުރާ ދައްކަން އާމްދަނީ އިތުރުކުރެވޭނެ ގޮތެއް އަދިވެސް ފެންނާކަށް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމްގެ ކެންޕޭނު ރަސްމީކޮށް ފެށުމަށް މިރޭ އދ މާމިގިލީގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިންޑިއާއަށް އެކަނި އޮތް ދަރަނީގެ މިންވަރު 2.9 ބިލިއަން ޑޮލަރަށް އަރައިފިކަމަށް އަޑުއިވިވަޑައިގެންފައިވާ ކަމަށެވެ. މިހައި ބޮޑު ޢަދެއްގެ ދަރަނި އިންޑިއާއިން ނެގުނުކަމަށްބުނާއިރު އެމަނިކުފާނަކީވެސް މަޖިލީހުގެ މެންބަރަކަށްވީނަމަވެސް އަދި މަޖިލީހުގެ މެންބަރުންނަކަށް ވެސް އެކަން އެނގިފައިނުވާކަމަށެވެ.
"ދަރަނި މިހިސާބަށް ދިއައިރު އިޤްޠިޞާދު އިތުރުކުރެވޭނެ އެއްވެސް ކަމެއް ސަރުކާރުން ކުރިކަން އެނގޭކަށް ނެތް- ލިބޭ އާމްދަނީ (ރައްޔިތުންގެ ޖީބުން ނުނަގާ) އިތުރު ނުކޮށް ދަރަނި އަދާކުރެވޭނީ ކިހިނަކުންތޯ؟"
ޤާސިމް އިބްރާހީމް ވިދާޅުވީ އަހަރުނިމޭއިރު ރާއްޖޭގެ ދަރަނި 120 ބިލިއަނަށްވުރެ މާބޮޑުތަނުން މައްޗަށްދާނެ ކަމަށާއި ކުންފުނި ތަކުގެ ދަރަނި އަދި އިތުރަށް އޮތީކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މަޤާމުގަ ތިބިހައި ދުވަހަކު ކުއްޔަކާ ނުލައި ރަނގަޅު ފެންވަރުގައި ދިރިއުޅެވޭނެ ގޮތް ފަނޑިޔާރުންނަށާއި ސިފައިންނަށާއި ފުލުހުންނަށް ހައްދަވައިދެއްވާނެ ކަމަށެވެ. "އަޅާކަމަށް ބުނާ ފްލެޓްތައް 10 އަހަރުވީއިރުވެސް މިއުޅެނީ ނުނިންމިގެން. މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން!"
"މިއުޅެނީ ކޮންމެ ރައްޔިތަކީވެސް ތަނަވަސް މީހަކަށް ހަދައިދެވޭތޯ" ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.