ޖުމްހޫރީ ވެރިކަމެއްގައި ފަތުވާ މަޖިލީހުގެ ދައުރު ހަރުދަނާކުރަން ގާނޫނެއް އެކުލަވާލާނެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޤާސިމް އިބްރާހީމްގެ މެނިފެސްޓޯ ކައުންސިލްގެ މެމްބަރު އައްޝައިޚު މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމްގެ މެނިފެސްޓޯގެ ތަފްސީލްތައް ހިއްސާކުރާ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މޫސާ ނިޒާރު ވިދާޅުވީ " މި މުއައްސަސާއަކީ އަޅުގަނޑުމެންގެ އިސްލާމީ ޝަހުސިއްޔަތާއި އިސްލާމީ ވަހުދަތު ވަރުގަދަކޮށް ހިފެހެއްޓުމަށްޓަަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް. މިހާރު ދީނީ ގޮތުން ތަފާތު ހިޔާލު ގެންގުޅޭ މީހުން އެބައުޅޭ. ނަތީޖާއަކީ ދީނީ ހިޔާލުތަފާތުވުންތައް. ހިޔާލުތަފާތުވުންތައް ދައުލަތުން އެއްގޮތްކޮށްފައި ފަތުވާ މަޖިލީހުން ނިންމީމައި ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމުވާނެ. އެކަމު ހިޔާލުތަފާތުވުމަށް ފިޔަވަޅެއް ނޭޅެދާނަމަ މުޖުތަމައަށް ނޭދެވޭ އަސަރުކުރާނެ. އެހެންވީމަ ހުރިހާ ގައުމުތަކެއްގައި ހުންނާނެ ފަތުވާ މަޖިލިސްތައް." ކަމަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންނުކޮށް ދެއަހަރު ވެފައިވާތީ އެކަމާގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންގެ ފާޑު ކިޔުން އަމާޒުވުމުން ސަރުކާރުން ވަނީ މިހާރު އެމަޖިލީހަށް މެންބަރުން އައްޔަންކޮށްފައިވާކަމަށް ބުނެފައެވެ.