ރިޔާސީ އިންތިހާބުގެ ފަހުން މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ދެމިތިބެ، ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ވެސް ދިވެހިންނަށް ނުލިބިދާނެކަމަށް ކުރީގެ ދާހިލީ ވަޒީރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕެއިނުގައި ށ. މިލަންދޫގައި ޖޭޕީގެ ޓީމުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ "އަޅުގަނޑުމެންނަށް ނޭނގޭ އެއްމަސް ފަހުން މި ސަރުކާރު އޮވެއްޖެނަމަ ލަންކާގެ ހާލަތަށްވުރެ ހާލަތު ގޯސްވާނެ. ވެނުމަސް ވެނަށް ކާންދީގެން ސަރުކާރު ކުންފުނިތައް އިދަޖައްސުވައިފި. މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި މިފަދަ ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ރިޔާސީ އިންތިހާބުގެ ފަހުން ނުލިބިދާނެކަން ވިސްނާ ތިބޭފުޅުން." ކަމަށެވެ.
ސަރުކާރުގެ އަމަލުތަކަށް ރައްދުދީ، އިންތިހާބުގެ ވޯޓުން މި ސަރުކާރު ބަދަލުކޮށްދިނުމަށް އަޒްލީން ވަނީ، ގޮވާލާފައެވެ. އަދި ސަރުކާރު ބަދަލުކުރަން ރައްޔިތުން އެއްގަލަކަށް އަރާނެކަމަށް ގަބޫލުކުރައްވާކަމަށް އަޒްލީން ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެތައްކަމެއް މިހާރު ހިނގަމުންދާއިރު، ގާސިމް އިބްރާހިމްގެ އެންމެ މުހިންމު އެއް ވައުދަކީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް އިސްލާމްދީން ހިމާޔަތްކުރުމެވެ.