އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަނިން ސަލާމަތްވާނެ ގޮތް އޮތީ ހަމައެކަނި ޤާސިމްގެ މެނިފެސްޓޯގައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަނިން ސަލާމަތްވާނެ ގޮތް އޮތީ ހަމައެކަނި ޤާސިމްގެ މެނިފެސްޓޯގައި!

މިއަހަރުގެ ރިޔާސީ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ކަމަކަށް އޮންނާނީ 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޭރުގެ ބޮޑު ދަރަންޏެއް ދައްކައި ޚަލާސްކުރުމެވެ.

އެ ދަރަންޏަކީ އޭޑީއެފްޑީން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނަކާއި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސްކޫކެވެ. މިއީ މިފަހުހެ ތާރީޚެއްގައި، އެއް އަހަރެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއް ރާއްޖޭން ދަރަންޏަށް ދައްކަން ޖެހޭ ފުރަތަމަ ފަހަރެވެ.

އަބޫދާބީ ފަންޑުގެ ލޯނާއި އިޝޫކޮށްފައިވާ ސްކޫކް ދައްކަން ޖެހުމުގެ އިތުރަށް ރާއްޖެއިން މިހާރުވެސް އެެވްރެޖްކޮށް އަހަރެއްގެ މައްޗަށް 150-300 މިލިއަން ޑޮލަރު (2.3-4.6 ބިލިއަން ރުފިޔާ) ގެ ދަރަނި ދައްކަމުންދެއެވެ.

ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި 5 ސިޔާސީ ޕާޓީއަކުން 5 ބޭފުޅުންނާއި އަމިއްލަ ގޮތުން 3 ބޭފުޅުން ވާދަކުރައްވައެވެ.

ސުވާލަކީ 2026 ވަނަ އަހަރު ގަނޑުކޮށް ދައްކަންޖެހޭ ބޮޑު ދަރަންޏެއް އޮތްއިރު، އެކަމަށް ފަރުވާއެއް މިއިން އެއްވެސް ބޭފުޅަކު މެނިފެސްޓޯގައި ހިމަނުއްވާފައި ވޭތޯއެވެ. ނުވަތަ އެބިޔަ ދަރަނިން ސަލާމަތްވާނެ ގޮތުގެ ފޯމިއުލާއެއް ރައްޔިތުންނަށް ހާމަކުރައްވާފަައިވޭތޯއެވެ؟

އެއް ބިލިއަންގެ ދަރަންޏަށް ނެރޭނޭ ހައްލުތަކުގެ ތަފްސީލީ ޕްރޮޕޯސަލްއެއް އެއްވެސް ކެންޑިޑޭޓަކު ނުދައްކަވާ ކަމަށް ރަށުތެރޭ ވަނީ އަޑު ފެތުރިފައެވެ.

ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި ހިސާބަކަށް ގެންނަން ކުރާނޭ ކަންކަން އެއްވެސް ކެންޑިޑޭޓަކު ވިދާޅުނުވާ ކަމަށް ހާމަކަން ބޮޑުގޮތެއްގައި ރާއްޖޭގެ ނޫހެއްގައި ރިޕޯޓުކޮށްފައި އޮތަތީވެސް ދުށީމެވެ.

އެކަމަކު، އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. 8 ކެންޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅަކުވަނީ އެކަމަށް އޮތް ފަރުވާ ވިދާޅުވެފައެވެ. އާދެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ވަރަށް ޞަރީޙަކޮށް އެ ދަރަނިން ސަލާމަތްވާނެ ގޮތް ބަޔާންކޮށްފައި އެބަ ވެއެވެ.

"ދެމެހެއްޓެނެވި އިޤްތިޞާދަކަށް ދަރަނިން މިންޖުވުމަށް" ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ވަރަށް ސާފު ތަސައްވުރެކެވެ.

އެމަނިކުފާނުގެ އުންމީދީ މެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ، 2026 ވަނަ އަހަރަކީ ބިލިއަނެއްހާ ޑޮލަރުގެ ބޭރުގެ ދަރަނި އެއްފަހަރާ ދައްކަންޖެހޭ އިންތިހާއަށް މާލީގޮތުން ބުރަ ބޮޑު އަހަރަކަށް ވާނެތީ، އެކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫނާރާނޭ ގޮތަށް ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ޤާސިމްގެ މެނިފެސްޓޯ ބިނާކޮށްފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށް ކަމަށްވާއިރު، އޭގެ ތެރޭގައިވެސް، ދަރަނިން ސަލާމަތްވެ އިޤްތިސާދުގެ ދުވެލި ބާރުކޮށް އެންމެނަށް ނަފާ ހޯދައިދިނުމުގެ އަސާސް ހިމެނެއެވެ.

ޤާސމް-އަމީން މެނިފެސްޓޯގައި ބުނެފައިވަނީ، 3 އަހަރުގެ ތެރޭގައި ދައަުލަތުގެ ދަރަނ،ި ޖީ.ޑީ.ޕީގެ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ޖީ.ޑީ.ޕީގެ 35 އިންސައްތައިގައި ހިފަހައްޓާނެ ކަމަށާއި ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30 އިންސައްތައަށް މަތިކުރާނެ ކަމަށެވެ.

ސަރުކާރުގެ އިކޮނޮމިކް ޑިޕްލޮމަސީ ކުރިއަރުވައި މާލީ އެހީތެރިކަމާއި ފޮރިން އިންވެސްޓްމަންޓް ހޯދަން، މެނިފެސްޓޯގައި ހިމަނުއްވާފައި ވެއެވެ.

މީގެ އިތުރުން، ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތަކަށް ދިގު މުއްދަތުގެ އިންޓަރެސްޓް ކުޑަ ލޯން ހޯދުމާއި ރާއްޖެއަށް މަދުވެގެން ތިން މަސްދުވަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަބަދުވެސް ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން މެނިފެސްޓޯގައި ހިމެނެއެވެ.

އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރުަދުތައް ޒަމާނީ ޓެކްނޮލޮޖީއާއި އޮޓޮމޭޝަންގެ އެހީގައި ބަލަހައްޓަން ފަށައި އިސްރާފާއި ކޮރަޕްޝަން ހުއްޓުވުން އަދި ދައުލަތުން ދޭ ސަބްސިޑީތަކަކީ ތަނަވަސްކަން ކުޑަ މީހުންނާއި އާއިލާތަކަށް އަމާޒުކުރެވިފައިވާ އިންސާފުވެރި ސަބްސިޑީތަކަކަށް ހެދުންވެސް ޤާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ޓޫރިޒަމް ސިނާއަތުން ދައުލަތަށް މިހާރު ލިބޭ އާމްދަނީ 4 ބިލިއަން ޑޮލަރުން، ދެގުނަ އިތުރުކޮށް 8 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީވެސް، ގާސިމްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ. މިއީވެސް، ދައުލަތް ދަރަނިން ސަލާމަތްވުމަށް އިތުރު ބާރަކަށް ވެގެންދާނޭ ކަމެކެވެ.

ނޭޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިއަން ޑޮލަރުން އެއް ބިލިއަން ޑޮލަރަށް މަތިކުރައްވާނެ ކަމަށްވެސް، ޤާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ރިޕޯޓް: ވީނިއުސް

މިއަދު އޮންލައިން