ދިވެހިރާއްޖޭ އަކީ ކުރިއަރައި، ފުދިފައި ތިބި ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް، އަމިއްލަ އެދުމައިގެން ފޯވެފައިތިވި ވެރިންތަކެއް ހުރަސްއަޅާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ށ. ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.
ރާއްޖެއާއި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޤާސިމް ވިދާޅުވީ، އެހެން މީހަކު މި ގައުމަށް ކުރިއެރުމެއް ގެންނަން މަސައްކަތްކޮށްފިނަމަ، އެކަމާ ހަސަދަވެރިވެ، ތިމާ ނޫން މީހަކު އެކަން ކުރުވިޔަ ނުދޭން މަސައްކަތްކުރާ ވެރިންތަކެއް މި ގައުމުގައި އެބަތިބި ކަމަށެވެ.
ޤާސިމް ވިދާޅުވީ "1979 ވަނަ އަހަރު ފާސްކުރި ބަޖެޓަކީ 30 މިލިއަން ރުފިޔާ. 2005 ވަނަ އަހަރާ ހަމައަށް އައިއިރު ރައީސް މައުމޫނަށް ދައުލަތުގެ ބަޖެޓު ގެނެސްދެވުނީ، އަޅުގަނޑު މެން ފާސްކުރި ބަޖެޓަކީ ފަސް ބިލިއަން ރުފިޔާއަށް ވެސް ނާރާ ބަޖެޓެއް. އެހާތަނުން އަޅުގަނޑު ފިނޭންސް މިނިސްޓަރުކަމާ ހަވާލުވީ، ޖެހިގެން އައި 2006 ވަނަ އަހަރު އަޅުގަނޑުމެން ފާސްކުރި ބަޖެޓަކީ 9.3 ބިލިއަން ރުފިޔާ. 2007 ވަނަ އަހަރަށް 12.3 ބިލިއަން ރުފިޔާ. 2008 އަށްވެސް 12.3 ބިލިއަން ރުފިޔާ. އޭރު އެމްޑީޕީގައި ތިބި އެއްވެސް ބަޔަކު އަޅުގަނޑުމެންގެ ބަޖެޓަކަށް ވޯޓެއް ނުދޭ. ރައީސް ޔާމީނާއެކު އުޅުނު އެއްވެސް މީހަކު އަޅުގަނޑުމެންނަކަށް ވޯޓެއް ނުދޭ. އަޅުގަނޑަށް ބަވަމުން އައީ. ކީއްވެގެން؟ އަޅުގަނޑަށް މިއަދު ރަނގަޅަށް ވިސްނޭ. ވެރިކަމުގެ ދަހިވެތިކަމުގައި، އެހެންމީހަކު ކާމިޔާބު މަސައްކަތްތަކެއް ރައްޔިތުންނަށް ޑެލިވަރކޮށްފާނެތީ. ރައްޔިތުންގެ ރުހުމާއި ލޯބި އެހެން މީހަކަށް ލިބިދާނެތީ". ކަމަށެވެ.
ގައުމުގެ ކުރިއެރުމަށް ހުރަސްއަޅަން، އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔަކު އުޅޭކަމަށް ޤާސިމް ވިދާޅުވިއިރު، މިއަދު މިގައުމުގެ އިގްތިސާދީ ހާލަތާއި ދައުލަތުގެ ދަރަނި މަތިވެފައިވާ މިންވަރާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަބަރު: ވީނިއުސް