ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް ބުނާ ހަބަރުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑުވައިޒަރު އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރްތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ދިވެހި ފައިސާގެ ރަސްމީ އަގު ދަށްކޮށް ޑޮލަރުގެ އަގު ބޮޑުކުރަން އިންޑިއާއިން ލަފާދީފައިވާކަމަށްބުނެ ފެތުރޭ ހަބަރުތަކަށް އިޝާރާތްކުރައްވައި އެކަމަނާ ކުރެއްވި ސޯޝަލްމީޑީއާ ޕޯސްޓެއްގައި ވަނީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޑރ. އިރުތިޝާމް ވަނީ އިންތިހާބަށް އެންމެ 18 ދުވަހަށް ވެފައިވާއިރު ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަަމަލެއްގެ ގޮތުގައި ސިފަކުރައްވައި މިހާރުވެސް ރައްޔިތުންގެ ބޮލުގައި އެއް ބިލިއަން ރުފިޔާގެ ދަރަނި އެޅިފައިވާއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ވަރުގެ ބޮޑު ހޭދައެއް އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.
އަދި މިކަން މިހެން އޮއްވައި މިއަދު އިވުނީ ދިވެހި ރުފިޔާގެ އަގު ދަށްކޮށްލައި ޑޮލަރު ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރިކަމުގެ މައުލޫމާތުކަން ފާހަގަކުރައްވައި ޑރ. އިރުތިޝާމް ވިދާޅުވީ މިފަދަ މައުލޫމާތުތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެންޖެހޭކަމަށެވެ.
ދިވެހި ފައިސާގެ ރަސްމީ އަގު ދަށްކުރަން އިންޑިއާއިން ލަފާދީފައިވާކަމަށް ބުނެ ހަބަރުތައް ދައުރުވާއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.50 ރުފިޔާގައިކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާއިން މިފަދައިން ލަފާދީފައިވާއިރު، ދިވެހި ދައުލަތުގެ ޖުމްލަ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެކި ގޮތްގޮތުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުންނެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށްބުނާ މައްސަލައިގައި ސަރުކާރުގެ ބަހެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
ހަބަރު: ވީނިއުސް