ރާއްޖެއަށް ޖެހިފައި މިވާ ހާލަތުން އަރައިގަނެ، ރަނގަޅު ކުރެވޭނެ ވަރުގެ ޓީމެއް އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ފަހަތްޕުޅުގައިކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. މާމެންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ޑރ އަމީން ވިދާޅުވީ ރައްޔިތުން، އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުން ތަރައްގީވެ، އާމްދަނީއާއި ފުދުންތެރިކަން އިތުރުކޮށް، ކޮންމެ މީހަކީވެސް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ދިރިއުޅޭ ބަޔަކަށްވާން ބޭނުންވާ މިންވަރު އެނގިވަޑައިގަންނަވާކަމަށެވެ. މި ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ރައްޔިތުން ކުރަމުންދާ މަސައްކަތްވެސް މިއަދު ފެންނަމުންދާކަމަށް ޑރ އަމީން ވިދާޅުވިއެވެ.
ޑރ އަމީން ވިދާޅުވީ، މިކަންކަން ހާސިލްކޮށްދެވޭނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ ޒައާމަތުގައި އުފެދޭ ސަރުކާރަކުންކަން ރައްޔިތުންނަށް މިހާރު އެނގޭކަމަށެވެ. އެކަންކަން ހައްލުކޮށްދެވޭނެ ވަރުގެ ގާބިލް ޓީމެއް އޮތީ ޤާސިމް އިބްރާހީމްގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވިއެެވެ.
"އަޅުގަނޑުމެންނަށް އެނގޭ ދިވެހިރާއްޖޭގެ ރައްޔިތުން، އިގްތިސޯދީ މާލީ ހާލަތު ތަރައްގީކޮށް އަޅުގަނޑުމެންގެ އާމްދަނީ އިތުރުކޮށް، ފުދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ދިރިއުޅޭ ބަޔަކަށް ވާން ބޭނުންވާ މިންވަރު. އެއްވެސް ޝައްކެތް ނެތް، މި ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ތިބޭފުޅުން ކުރައްވާ މަސައްކަތް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިކަންކަން ހާސިލްކޮށްދެވޭނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ ޒައާމަތުގައި އުފެދޭ ސަރުކާރަކަށްކަން. އެމަނިކުފާނުގެ ފަހެއްޕުޅުގައިކަން މިކަންކަން ކޮށްދެވޭ ވަރުގެ ގާބިލް ޓީމެއް އޮތީ. އެމަނިކުފާނުގެ ފަހެއްޕުޅުގައިކަން ދިވެހިރާއްޖޭގެ އިގްތިސޯދު ދަންނަ ބަޔަކު ތިބީ. އެމަނިކުފާނުގެ ފަހެއްޕުޅުގައިކަން ދިވެހިރާއްޖޭގެ މަސައްކަތްތައް ދަންނަ ބަޔަކު ތިބީ. އެމަނިކުފާނުގެ ފަހެއްޕުޅުގައިކަން ދިވެހި ގައުމު ޖެހިފައި މިވާ ހާލަތުން އެހެން ހާލަތަކަށް ގެންދަން، މި ހާލަތު ރަނގަޅުކުރުމަށް ވާގިިވެރިވެދޭނެ، ވިސްނުންތެރި، ތޫނުފިލި ބަޔަކު ތިބީ" ޑރ. އަމީން އިބްރާހީމް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ދިވެހި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށްޓަކައި، އެމީހުންގެ ވަށާއިގެންވާ ހުރިހާ މައްސަލަތަކައް ހައްލު ހޯދައިދިނުމަށް ކޮށްދެއްވުމަށް ވެވަޑައިގަންނަވާ ވައުދުތައްކަމަށެވެ.
"އެއީ ތިބޭފުޅުން ކުރައްވާ އިގްތިސޯދީ މަސައްކަތް ކަމުގައި ވިޔަސް، އެއީ ތިބޭފުޅުންގެ އާއިލީ ކަންކަމާއި ގުޅުންހުރި ކަންކަން ކަމުގައި ވިޔަސް، އިޖުތިމާއީ މައްސަލަތައް ކަމުގައި ވިޔަސް، އަދި މުޅި ގައުމާއި ގުޅިލާމެހިފައި ހުރި ކަންތައްތައްކަމުގައި ވިޔަސް، ދިވެހިންގެ ދީނާއި ގައުމިއްޔަތާއި އިސްތިގްލާލާއި ގުޅުންހުރި ކަންކަން ކަމުގައި ވިޔަސް މި ހުރިހާކަމެއް މީގެތެރޭގައި ޝާމިލްވެގެން އެބަދޭ." ޑރ. އަމީން އިބްރާހީމް ވިދާޅުވިއެވެ.
ޑރ އަމީން ވިދަޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެހާ މައްސަލަތަކުން ސަލާމަތްވާނެ މަގުތައް ދައްކާދީފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންކަމަށެވެ.
ހަބަރު: ވީނިއުސް