މީހުންގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރަނގަޅު ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވަމުންގެންދަވާ ޑރ. އަމީން މިފަދައިން ވިދާޅުވީ، ވީމީޑިއާގެ ވީޓީވީން މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅުވައިގެން ގެނެސްދެމުން އަންނަ "ދޭއް ހަތެއް ތޭވީސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ޤާސިމް އިބްރާހީމް ވެވަޑައިގެން ވައުދުފުޅު ފުއްދެވޭނެތޯ ސުވާލު އުފައްދާ މީހުންނަށް ރައްދުދެއްވަމުން "ދޭއް ހަތެއް ތޭވީސް" ޕްރޮގްރާމްގައި ޑރ. އަމީން ވިދާޅުވީ ހަމަ އެކަނި މިސަރުކާރަށް ބެލިކަމުގައި ވިޔަސް "ބަހާ ފައިސާ"ގެ ގޮތުގައި އަހަރެއްގެ މައްޗަށް އެތައް ފައިސާއެއް ހޭދަކުރާ ކަމަށެވެ.
އެފައިސާތައް ބަހާ ގޮތެއް، ބަހާ މިންވަރެއް އަދި ޒިންމާވާނެ ފަރާތެއް ނޭނގޭ ކަމަށް ޑރ. އަމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިގޮތަށް ފައިސާތައް ބަހާއިރު ނުކުންނަ ނޭދެވޭ ނަތީޖާއަށް ބެލުމެއްވެސް ނެތެވެ. ޑރ. އަމީން ވިދާޅުވީ މިގޮތަށް އެެކިއެކި ނަންނަމުގައި ބަހާ ފައިސާއަކީ އެތައް ސަތޭކަ މިލިއަން ރުފިޔާ ކަމަށެވެ.
"އެފައިސާ އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން، ގައުމުގައި ވިޔަފާރިއަށް ޝައުގުވެރިކަން ހުރި، ކުރިއަށް ދިއުމުގެ ވިސްނުން ހުރި، މީހުންނަށް މަގު ދައްކައިގެން ސަރުކާރުން ފޯރުކޮށްދޭ ފަސޭހައެއް ކަމަށް ވަންޏާ، ވިދާޅުވި ސަތޭކަ މިލިއަނަރުން ކީއްކުރަންތޯ، ދުއިސައްތަ މިލިއަނަރުންވެސް އުފެއްދުމުގެ ފުރުސަތުތައް ފަހިވާނެ."
ގައުމީ ކެންޑިޑޭޓްގެ ރަނިންގމޭޓް ޑރ. އަމީން ވިދާޅުވިއެވެ.
ޑރ. އަމީން ވިދާޅުވީ ރާއްޖޭގައި ހަރުދަނާ މޮނިޓަރިން ސިސްޓަމެއް ނެތް ކަމަށާއި މީހުންނަށް ޚިދުމަތްތައް ދިނުމުގައްޔާއި މީހުންގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގައި ރަނގަޅު ނިޒާމެއް ނެތް ކަމަށެވެ. ޑރ. އަމީން ވަނީ އާދޭސްކޮށްގެން ނުވަތަ ސަލާންޖަހައިގެން ނޫން ގޮތަކަށް މިގައުމުގައި ކަންކަން ވާން ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ރައްޓެހިންނަށާއި ޕާޓީ މީހުންނަށާއި ގާތްތިމާގެ މީހުންނަށް ނޫނީ މިތަނުގައި ފަސޭހައިން ޚިދުމަތްތައް ނުލިބޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެންމެ ފުރަތަމަ ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.
އެޖަލްސާގައި ޤާސިމް ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފުރަތަމަ ފަހަަރަށް އިއުލާން ކުރައްވާފައެވެ.
އެޖަލްސާގައި ޤާސިމް ވަނީ އެއްވެސް މީހަކު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިންތިހާބީ މައިދާނުން އެންމެ ހަރަކާތްތެރިކޮށް ފެންނަނީ ޖުމްހޫރީ ޕާޓީއެވެ.
ޕާޓީގެ ލީޑަރު އަދި މުޅި ލީޑަރޝިޕުން ދެކިވަޑައިގަންނަވާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ ހިތާ ގުޅިފައިވާ ރައްޔިތުންގެ ވިންދެވެ.
ޤާސިމް އިސްވެ ހުންނަވާ ޖޭޕީން ވަނީ 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.