އިސްލާމް މާއްދާ އިނގިރޭސިކުރުމަކީ ރާއްޖޭގެ ޝެއިޚުންނާއި އިސްލާމް ޓީޗަރުން ތަޢުލީމީ ނިޒާމުން ހަވާސާކުރާން ހިންގާ ޖަރީމާއެއް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އިސްލާމް މާއްދާ އިނގިރޭސިކުރުމަކީ ރާއްޖޭގެ ޝެއިޚުންނާއި އިސްލާމް ޓީޗަރުން ތަޢުލީމީ ނިޒާމުން ހަވާސާކުރާން ހިންގާ ޖަރީމާއެއް: ޝައިޚް ޝަފީޢު

ދިވެހިރާއްޖޭގައި އޮތީ އިސްލާމްދީނެވެ. އެހެން ދީނެއް ނެތެވެ. ސުންނީ މަޛްހަބެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭން ފެށުމުން ދެން ރާއްޖެއަށް ގެންނާނީ ބޭރުގައި ލިޔެވިފައިވާ އިނގިރޭސި ފޮތްތަކެވެ. އަދި ޓީޗަރުންނަށް ގެންނާނީ ބޭރު މީހުންނެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެތަކެއް މަޒްހަބެއް އެބަ އޮތެވެ. މި ކަންކަމުގެ އަސަރު ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ވަޙުދަތަށް ކުރާނެކަން ޔަގީނެވެ.

މިއީ ލާދީނީ މީހުން އަޑީގައި ތިބެގެން ރާއްޖޭގެ ޝެއިޚުންނާއި އިސްލާމް ޓީޗަރުން ތަޢުލީމީ ނިޒާމުން ހަވާސާކުރާން ހިންގޭ ޖަރީމާއެއްކަމާ މެދަކު ޝައްކެއް ނެތެވެ. އެބައިމީހުންގެ އަނެއް އަމާޒަކީ އިސްލާމް މާއްދާއަކީ ވެސް އިޚްތިޔާރީ މާއްދާއަކަށް ބަދަލުކުރުމެވެ. މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކަން ކުރާން އުޅުމުން އޭރު ރައްޔިތުން އެ ކަމާ ދެކޮޅަށް ތެދުވެ އެތަކެއް އިޙުތިޖާޖެއް ކުރުމުން އެ ކަން ވަނީ ނާކާމިޔާބުވެފައެވެ. މި ފަހަރު މި އަންނަނީ ރޭވުންތެރިކަމާ އެކު އެ ހިސާބަށް ދެވޭނެ މަގު ކޮށަމުންނެވެ.

ލާދީނީ މީހުން އެންމެ ރުޅިއަރާ ކަމަކީ އެބައިމީހުންގެ ދަރީން ވެސް އިސްލާމް މާއްދާ މަޖުބޫރީ މާއްދާއެއްގެ ގޮތުގައި ކިޔަވާން ޖެހިފައިވުމެވެ. އެހެންކަމުން, އެ މާއްދާ ހަވާސާކޮށްލެވޭތޯ އެބައިމީހުން ދަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ. މި ކަން އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓުން ވެސް އެނގޭން އޮންނާނެއެވެ. 

މިހާރު މި އޮތް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ތިބި ބައެއް މީހުންނަކީ އިސްލާމީ ޝިޢާރުތަކަށް ނަފްރަތުކުރާ، އަދި ސެކިއުލަރ އައިޑިއޮލޮޖީއަށް ތަބާވާ މީހުންނެވެ. އެބައިމީހުން ޕޮލިސީ ހަދަމުން އެ ދަނީ އިސްލާމްދީނާއި ދީނީ މީހުން އެއްކިބާ ކޮށް ހަވާސާކުރެވޭނޭ ހުރިހާ ގޮތަކަށެވެ.

މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. 

މިއީ ދިވެހި ބަހަށް ވެސް އޮތް ނުރައްކަލެކެވެ. ބަހުގެ ބޭފުޅުން ވެސް މި ކަމާ ދެކޮޅު ހައްދަވާން ޖެހޭ ކަމެކެވެ. މިހާރު ވެސް ދިވެހި ބަސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ކަމުން ދިވެހި ބަހަށް ލިބިގެން ދާނީ އިތުރު ހީނަރުކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. މީގެ މިއީ އިތުރުން ދިވެހީންގެ ދީނާއި ދީނީ އެއްބައިވަންތަކަމަށް އޮތް އިންތިހާއަށް އޮތް ބޮޑު ނުރައްކަލެކެވެ. ހުރިހާ ދިވެހި ރައްޔިތުން ވެސް މި ކަމާ ދެކޮޅު ހަދާން ޖެހޭ ވަރުގެ ނުރައްކާތެރިކަމެކެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން