ރެސެޕީ – ކަށިކެޔޮ ބަތްޕެން-

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރެސެޕީ – ކަށިކެޔޮ ބަތްޕެން-

އުންމު ނަވާރު

 

ކަށިކޭލަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. އިހު ޒަމާނުގައި ދިވެހިން ކެއުމުގައި ވަރަށް ބޭނުން ކުރި އެއްޗެކެވެ. ރަށްރަށުގައި ވަރަން ގިނައިން ހެދިފައި ހުންނަ ބާވަތެކެވެ. ނަމަވެސް މިހާރު ނެތެމުންދާ ބާވަތެކެވެ. ކަށިކޭލުން ތައްޔާރު ކުރާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެން ތެރޭގައި ވަރަށް މަޝްހޫރު އަދި އެހާމެ މީރު އެއްޗަކަށް ވަނީ ވެފައެވެ. މިއަދު އަޅުގަނޑު މިގެނެސް ދެނީ ކަށިކެޔޮ ބައްޕެއް ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.  

ބޭނުންވާ ތަކެތި:

(މި ރެސެޕީއިން ތައްޔާރު ކުރެވޭނީ ގާތްގަނޑަކަށް 6 މީހުންނަށެވެ) 

6 ކަށިކެޔޮ ވައް (މާކަށިކެޔޮ/ ރަތް ކަށިކެޔޮ)

¼ ލާހި ޅަހަނޑޫ

1 ލާހި ހަކުރު

ފެން

1 ކާށި ކިނބަ

ތައްޔާރު ކުރާނެ ގޮތް:

ކަށިކެޔޮތައް ތުނިކޮށް ލިޔެލާށެވެ. ޅަހަނޑޫކޮޅު ތެއްޔަށް އެޅުމަށްފަހު ރީތިކޮށް ދޮވެލާށެވެ. ދޮވެލި ހަނޑޫކޮޅު ތެރެއަށް ލިޔެލާފައި ހުރި ކަށިކެޔޮކޮޅު އަޅާލާށެވެ. އެއަށްފަހު މި ދޭތި މަޑުވާނެހެން ހީވާ ވަރަށް ފެން އެޅުމަށްފަހު އުނދުން މައްޗައް މަޑު ކުރަން އުދާށެވެ. ތެލީގައިވާ ތަކެތި މަޑު ވީމަ ހަކުރު ކޮޅު އަޅައިގެން އޮލަވަންދެން ކައްކާލާށެވެ. އޮލަވީމަ އުނދުން ނިއްވާލާފައި ހިހޫކުރަން ބަހައްޓާށެވެ.

ކާށި ކިނބަ ގޭނުމަށްފަހު އޭގެން އޮލަކޮން ބޯކިރު ނަގާށެވެ. ބައްޕެއްކޮޅު ހިހޫ ވީމައި ބޯކިރުކޮޅު އަލާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިއަދު އޮންލައިން