ރައީސް ސާލިހް ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވަނީ ނާޖާއިޒު މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ސިޔާސީ ވަކި ފިކުރަކަށް ގޮސް ހުސްވެފައި ނެތް މީހުން ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މި އިންތިޚާބުގައި ގޮތް ނިންމާނީ އެ މީހުންކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ކެމްޕެއިން ދަތުރުގައި ދައްކަނީ ސިޔާސީ ވާހަކައަށްވުރެ ބޮޑަށް ދައްކަނީ ގައުމީ ވާހަކަތަކެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވީ "2018 ވަނަ އަހަރު މިހާރުގެ ރައީސް ސާލިހަށް ވެރިކަން ހަވާލުކުރިއިރު ގައުމުގައި އޮތް ސަރަހައްދުގެ މިންވަރުން ބޮޑު ބައެއް އުނިވެއްޖެ. އަޅުގަނޑުމެން އަމާނާތެއްގެ ގޮތުގައި 2018 ވަނަ އަހަރު ރައީސްއާ މިގައުމު ހަވާލުކުރިއިރުގަ ދެކުނުންވެސް އައްޑު އަތޮޅާއި ފޯޅަވައްސާ ދޭތެރޭ އޮންނާނެ 200 ނޮޓިކަލް މޭލުގެ ސަރަހައްދެއް. އެއީ އަޅުގަނޑުމެންގެ ސަރަހައްދު. އެހިސަބުގައި ބައެއް ފަހަރު ކަންތައްތައް ދިމާވެގެން ސިފައިންވެސް އެބަހުރި 100 ނޮޓިކަލް މޭލަށް އެކިއެކި ކަންކަމުގައި ގޮސް ސެކިއުރިޓީ ބަލަހައްޓާފަ ހުރިކަން ލޮގް ފޮތްތަކުން ފެންނަން އެބަހުރި. ކިތާބީ ހެކި ހުންނާނެ ފެންނަން." ކަމަށެވެ.
އަލީ ވިދާޅުވީ ބޭރުގެ ބައެއްގެ ނުފޫޒުގައި ޖެހި ވާނުވާ ނޭނގި ހުއްޓާ ރައީސް ސާލިހަށް ދިއްކޮށްލި ސިޓީފުޅެއްގައި އެމަނިކުފާނު ސޮއިކުރައްވާފައިވާ ކަމަށެވެ.
އެ ސިޓީފުޅުގައި ސޮއިކުރެއްވިއިރު އެ ސިޓީގައި އޮތީ ކޮން ވާހަކައެއްކަން ރައީސް ސާލިހަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެޓާނީ ޖެނެރަލްވެސް ފޯރުކޮށްދެއްވަން ޖެހޭ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމުގެ ތުހުމަތު އަލީ ވަނީ ކުރައްވާފައެވެ.
ރައީސަކު ހުރީ ނަމެއްގައި ކަމަށާއި ގައުމު ހިންގަނީ ބޭރު ގައުމަކުން ކަމަށްވެސް އަލީ ވިދާޅުވިއެވެ.
ދެވަނަ ދައުރެއް ހޯދަން އުޅެނީ ނާޖާއިޒު މަންފާހޯދުމުގެ ބޭނުމުގައިކަން ފާހަގަކުރައްވާ އަލީ ހުސެއިން ވަނީ ރައީސް ސާލިހް ގައުމަށް ޚިޔާނާތްތެރިވެއްޖެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު: ވީނިއުސް