ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުން ހަމަޖެހިލާނެ ފުރުޞަތު ދިނުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގައުމީ ކެންޑިޑޭޓް މިފަދައިން ވިދާޅުވީ، އަރިއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އއ. ފެރިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.
ފެރިދޫގައި ބޭއްވި ޓައުންހޯލް ބައްދަލުވުމުގައި ރައްޔިތުންނާ މުހާތަބުކުރައްވާ ޤާސިމް ވިދާޅުވީ، 1965 ވަނައަރު މިގައުމަށް މިނިވަންކަން ލިބުމާއެކު ބައިނަލްއަގްވާމީ މައިދާނަށް ގައުމު ހުޅުވުނުކަމަށާއި، އޭގެކުރިން ރާއްޖެއަކީ ގިނަބަޔަކު ދަންނަ ގައުމެއް ނޫނެވެ.
ރާއްޖެއަށް ހާރިޖީ މިނިވަންކަން ލިބުނުއިރު، އެތެރޭގެ ސިޔާސީ މިނިވަންކަން ނެތުމުން، ބަގާވާތްކުރުމާއި ސިޔާސީ ވާހަކަދައްކާ މީހުން އަނދަގޮނޑި ޖެހުންފަދަ ދާހިލީ އަޅުވެތިކަމުގައި ދިވެހިން ދުވަސްތައް ހޭދަކުރަމުންދިޔަކަމަށް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، އެމަނިކުފާނުވެސް އިސްކޮށް ހުންނަވާ ދާހިލީ އަޅުދާސްތުވުމުން މިންޖުވުމަށް ކުރި މަސައްކަތްތަކާއެކު ދިވެހިންނަށް ހިންދެމިލަން ފުރުޞަތު ލިބުނީ، ގާނޫނުއަސާސީ އެކުލަވާލައި، ހައްގުތައް ކަށަވަރުވެ މަލްޓިޕާޓީ ސިސްޓަމުން ވެރިން އިންތިހާބުކުރަން ފެށުމުން ކަމަށެވެ.
ޤާސިމް ވިދާޅުވީ، ގާނޫނުއަސާސީންނާއި މަލްޓިޕާޓީ ސިސްޓަމުން ދިވެހިންނަށް ލިބުނު ހައްގުތައް ނިގުޅާގަންނަން ވެރިކަމަށް އަންނަ ވެރިން މަސައްކަތްކުރާ ކަމަށާއި ތަރައްޤީ މި ޒަމާނުގައިވެސް ވެރިން ޚުދުމުހުތާރުވުމަށް މަސައްކަތްކުރާ ކަމަށެވެ. މިފަދަ ހާލަތެއްގައި އެމަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ވެރިކަމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ހަމަޖެހޭނެ ފުރުޞަތުދެއްވާ ހަމަނޭވާލެވޭ ފުރުޞަތު ދިނުމަށްކަމަށް ޤާސިމް ވިދާޅުވިއެވެ.
ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލީ މިވެރިކަމުން އިންޑިއާ ސިފައިން ގެނެސް، ގައުމުގެ ކަންކޮޅުގައި ވަޒަންވެރިކުރުވާ، އަމިއްލައަށް ލިޔެލި ސިޓީއަކުން ގައުމު ވިއްކާލުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ލިބެންޖެހޭ ހަމަހަމަކަން ނަގާލާއި ސަރުކާރަށް ކަނދުރާ ތިރިކުރާ މީހަކަށް ނޫނީ ވަޒީފާ ވިޔަސް، އަދި އެހެން ފުރުޞަތެއް ނުދިނުމަކީ ރައްޔިތުންގެ ވެރިކަމުގެ އަސާސްތައް ނަގާލާކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޑިސިޕްލިން މުޖުތަމައެއް ބިނާކުރުމަށާއި ދީނާ ގައުމުގެ އިސްތިގުލާލު ސަލާމަތްކޮށް، ގައުމާއި ރައްޔިތުން ހިމާޔަތްކުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޤާސިމް އެދިވަޑައިގަތެވެ.
ޚަބަރު: ވީނިއުސް