"މިނިވަންކަން ރަހުނުކޮށްގެން" ނަގާ ލޯނުތަކަށް ޒިންމާވާންޖެހޭނީ ރައްޔިތުން ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލިޑަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަރިހުގައި ރިޔާސީ ކެމްޕެއިން ދަތުރުފުޅެއްގައި އަރިއަތޮޅު އުތުރުބުރީ ރަސްދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރު އަލީ ވިދާޅުވީ، ސަރުކާރުތަކުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންގެ އަތުން ސީދާ ގޮތުން ނަގާ ޓެކްސްތަކާއި ނުސީދާ ގޮތުން ދައުލަތަށް ނަގާ ޓެކްސްތަކުން ލިބޭ އާމްދަނީގެ އިތުރުން، ދިވެހި ރައްޔިތުންގެ ނަމުގައި، ދައުލަތުގެ މުދާ މޯގޭޖުކޮށްގެން، ދިވެހިރާއްޖޭގެ "މިނިވަންކަން ރަހުނުކޮށްގެން" ނަގާ ބޭރުގެ ލޯނުތަކުގެ އެހީގައި ކަމަށެވެ.
އެހެންކަމުން، ސަރުކާރުން ހިންގާ ކަމަށް ބުނާ ޕްރޮޖެކްޓްތަކަކީ ހަގީގަތުގައި ރައްޔިތުން ހިންގާ ޕްރޮޖެކްޓްކެއް ކަމަށާއި ދައުލަތުގެ މުދަލާއި ގައުމުގެ މިނިވަންކަން ރަހުނުކޮށްގެން ސަރުކާރުތަކުން ނަގާ ލޯނަށް ހަގީގަތުގައި ޒިންމާވެސް އުފުލަންޖެހެނީ ރައްޔިތުން ކަމަށެވެ. އެލޯނުތައް ނުދެއްކިއްޖެ ހާލަތެއްގައިވެސް ޒިންމާވާންތިބީ ހަމަ ދިވެހި ރައްޔިތުން ކަމަށާއި އޭގެ ޒިންމާ ސަރުކާރުގެ ވެރިން ނުވަތަ ހިންގަން ތިއްބެވި ބޭފުޅުން ނުނަންގަވާނެ ކަމަށް މެމްބަރު އަލީ ފާހަގަކުރެއްވިއެވެ.
އަލީ ހުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަނގަޅުވަނީ ބޮޑު އަގުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގެވީމާ ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ރަނގަޅު ކަމަށް އަހަރެމެން ބަލަންޖެހޭނީ އެކަށީގެންވާ އެންމެ ކުޑަ އަގެއްގައި އެކަށީގެންވާ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓްތައް ނިންމަވައި، ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނިތައް ނާޅުއްވާ ނަމަ ކަމަށެވެ.
މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕްރޮޖެކްޓްތައް ހިންގަނީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ ރަނގަޅުވެގެން ނޫން ކަމަށާއި އެކަންކަން ކުރަނީ ރައްޔިތުންގެ ފައިސާގައި ރައްޔިތޖންގެ ބޮލުގައި އަޅުވާފައިވާ ދަރަނިން ލިބޭ ފައިސާއާއި ރައްޔިތުން ދައުލަތަށް ދޭ ޓެކްސް ފައިސާއިން ކަމަށެވެ.
މެމްބަރުގެ ވާހަކައިގައި ދައުލަތުން ބޮޑެތި ލޯންތައް ނަގާފައިވާކަން ފާހަގަކޮށްފައިވާއިރު، މިސަރުކާރުންވަނީ މިފަހުގެ ތާރީޚެއްގައި އެއް ފަހަރާ ދައްކަންޖެހޭ އެންމެ ބޮޑު ލޯނު ބޭރުގެ ގައުމަކުން ނަގާފައެވެ.
އެއީ 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޭރުގެ ބޮޑު ދަރަންޏެވެ.
އެ ދަރަންޏަކީ އޭޑީއެފްޑީން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނަކާއި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސްކޫކެވެ. މިއީ މިފަހުހެ ތާރީޚެއްގައި، އެއް އަހަރެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއް ރާއްޖޭން ދަރަންޏަށް ދައްކަން ޖެހޭ ފުރަތަމަ ފަހަރެވެ.
އަބޫދާބީ ފަންޑުގެ ލޯނާއި އިޝޫކޮށްފައިވާ ސްކޫކް ދައްކަން ޖެހުމުގެ އިތުރަށް ރާއްޖެއިން މިހާރުވެސް އެެވްރެޖްކޮށް އަހަރެއްގެ މައްޗަށް 150-300 މިލިއަން ޑޮލަރު (2.3-4.6 ބިލިއަން ރުފިޔާ) ގެ ދަރަނި ދައްކަމުންދެއެވެ.
ޤާސިމް-އަމީން މެނިފެސްޓޯގައި ވަރަށް ޞަރީޙަކޮށް އެ ދަރަނިން ސަލާމަތްވާނެ ގޮތް ބަޔާންކޮށްފައި އެބަ ވެއެވެ.
"ދެމެހެއްޓެނެވި އިޤްތިޞާދަކަށް ދަރަނިން މިންޖުވުމަށް" ޤާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ވަރަށް ސާފު ތަސައްވުރެކެވެ.
އެއުންމީދީ މެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ، 2026 ވަނަ އަހަރަކީ ބިލިއަނެއްހާ ޑޮލަރުގެ ބޭރުގެ ދަރަނި އެއްފަހަރާ ދައްކަންޖެހޭ އިންތިހާއަށް މާލީގޮތުން ބުރަ ބޮޑު އަހަރަކަށް ވާނެތީ، އެކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫނާރާނޭ ގޮތަށް ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ޤާސިމްގެ މެނިފެސްޓޯ ބިނާކޮށްފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށް ކަމަށްވާއިރު، އޭގެ ތެރޭގައިވެސް، ދަރަނިން ސަލާމަތްވެ އިޤްތިސާދުގެ ދުވެލި ބާރުކޮށް އެންމެނަށް ނަފާ ހޯދައިދިނުމުގެ އަސާސް ހިމެނެއެވެ.
ޤާސިމްގެ މެނިފެސްޓޯގައި ބުނެފައިވަނީ، 3 އަހަރުގެ ތެރޭގައި ދައަުލަތުގެ ދަރަނ،ި ޖީ.ޑީ.ޕީގެ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ޖީ.ޑީ.ޕީގެ 35 އިންސައްތައިގައި ހިފަހައްޓާނެ ކަމަށާއި ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30 އިންސައްތައަށް މަތިކުރާނެ ކަމަށެވެ.
ހަބަރު: ވީނިއުސް