އަޅުގަނޑަށް ދިރިއުޅެން ޖެހިފައިވަނީ ސިހުރުގެ ކަންކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައަކާއިއެކުގައެވެ. ގޭތެރޭގައި ކިތަންމެ ކުޑަކުޑަ ކަމެއް ހިނގިނަމަވެސް ސިޙުރު ހަދާ މީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވައި އެމީހުންގެ ބަސް ޤަބޫލުކޮށް ކަންކަން ކުރުމުން ގޭތެރޭގައި އަބަދު އޮންނަނީ ފިތުނަ އުފެދިފައެވެ. އަބަދުވެސް ކޮންމެވެސް ބައަކު ތިބެނީ މޫނުކުނިކޮށްގެންނެވެ.
މިޙާލަތުގައި ޙައްލަކީ ކޮބައިތޯ؟
ކިޔުންތެރިޔާ ކުރެއްވި ސުވާލުގެ ޖަވާބަކީ ޙައްލަކީ އެއްވެސް ކަމަކާއި ގުޅިގެން ސިޙުރުވެރިންގެ ގާތަށް ނުދިއުންކަމެވެ. ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ
ސިހުރުވެރިންގެ ގާތަށް ގޮސް އެހީތެރިކަން ހޯދުމާއި އަދި ސިހުރު ހެދުމަކީވެސް ކަނޑައެޅިގެން ޝިރުކުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމާއިއެކުވެސްބައެއް މީހުން ސިހުރުވެރިންނަށް އިތުބާރުކުރެއެވެ. އެމީހުން ހަދާ ދޮގުތަކަކީ ތެދުކަމުގައި ވެސް ޤަބޫލުކުރެއެވެ.
އަހަރެން ރަނގަޅަށް ދަންނަ މީހެކެވެ. ކަމެއް ދިމާވުމުން އޭނާ 4 ސިހުރުވެރިންގެ ގާތަށް ދިއައެވެ. އޭނާގެ މައްސަލައަށް ޙައްލެއް ފެނޭތޯއެވެ! ކޮންމެ މީހަކުވެސް ދެއްކީ މުޅިން ތަފާތުވާހަކަތަކެކެވެ. ދެ މީހަކު އެއްގޮތަކަށް ވާހަކައެއް ނުދައްކައެވެ. ދެއްކީ މުޅިން ތަފާތު ވާހަކަތަކެކެވެ.
އެންމެ ފަހުން އޭނާ އިތުރު ބުރެއްޖެހިއެވެ. އެފަހަރު ގޮސް މިބުނަނީ "ތިއަ ސިހުރުވެރިޔާ ބުނީ މިހެން!- މިވެނި ސިހުރުވެރިއަކު ބުނީ މިހެން؟ އެވެނި ސިހުރުވެރިޔާ ބުނީ މހެން! ދެން ކާކުގެ ވާހަކައެއްތަ ޤަބޫލުކުރަންވީ؟ ކޮންމެވެސް 3 މީހަކު އެބަ ދޮގުހަދާ! ދޮގުހަދާ 3 މީހުން ހޯދަދީބަލަ! އެމީހުންނަށް ދިން އަގު އަނބުރާ އަތުލަން!"
މިގޮތަށް ބުނުމުން 4 ސިހުރުވެރިންވެސް ދިނީ އެއް ޒާތެއްގެ ޖަވާބުތަކެކެވެ. "ކަލޭ ދުޢާ ކުރީމާ ޙާލަތު ބަދަލުވަނީއެވެ! ކަމަކީ ހަމައެއް ކަމެކެވެ! ކަން އޮތީ ހަމައެއްގޮތަކަށެވެ."
"އަރެން ދުޢާ ކުރީމާ ބިމަށް ގިރުވި އެއްޗެއް ކަނޑަށް ގިރުވިކަމަށްވެ، ލަކުޑި ދަނގަނޑަށް ބަދަލުވަނީ ކިހިނެއްތަ؟" ސުވާލުކުރީމާ ބުނަނީ އަހަރެންގެ ކަންފަތުގަ މައްސަލައެއް ހުންނާތީ ތަފާތު ގޮތްގޮތަށް އަޑު އިވެނީ ކަމަށާއި 4 މީހުންވެސް ބުނީ އެއްގޮތަށް ކަމަށެވެ.
މީސްތަކުންނޭވެ! ސިހުރުވެރިން ހަދާ ދޮގުތަކުގެ ޙަޤީޤަތް ހޯދަން މަސައްކަތްކޮށްފިނަމަ ނުކުންނާނީ ހަމަ މިފަދަ ނަތީޖާތަކެވެ. ދެމީހަކު ދައްކާ ވާހަކައެއް ދިމައެއް ނުވާނެއެވެ. ދިމާކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ޣައިބުގައި ހިނގާ ހުރިހާ ކަމެއް ޖިންނިންނަކަށްވެސް ނުއެނގެއެވެ. އެނގޭނީ ﷲ ތަޢާލާ އަންގަވައިދެއްވެވި މަދު މިންވަރެކެވެ. ވީމާ ހުރިހާ ކަމެއް އެނގޭ ކަމަށް ހެދެން އުޅުނީމާ ފަޅާއަރާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސިހުރުވެރިންގެ މަޅީގައި ޖެހި ޝަރީކުކުރާ މީޙުންގެ ތެރޭގައި ނުހިމެނޭށެވެ! ދެދުނިޔެވެސް ގެއްލިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން