ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޢަބްދުއްރަހީމް ހަމަޖައްސަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޢަބްދުއްރަހީމް ހަމަޖައްސަވައިފި

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވައިފިއެވެ.

އަބްދުއްރަހީމް މި މަގާމަށް އައްޔަނުކުރުމުގެ ހަފްލާ މިއަދު ސިވިލްސާވިސް ކޮމިޝަނުގައި ބާއްވާފައިވާއިރު އިންތިހާބީ ރައީސް ޑރ.މުއިއްޒު އެ މަގާމަށް ކަނޑައަޅުއްވާފައިވަނީ އަބްދުއްރަހީމްއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެއެވެ. އަދި އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ސިވިލް ސާވިސް ކޮމިޝަނުގެ ޒިންމާއެކެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ.

ސިވިސް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ކޮމިޝަނުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސިވިސް ސާވިސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ ވާހަކަގައި ކޮމިޝަނުގެ މަސްއޫލިއްޔަތު އެހާ އަވަހަށް އަދާކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފުރިހަމައަށް ކުރެއްވުމަށް ކޮމިޝަނުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަބްދުއްރަހީމް އަބްދުﷲއަކީ ޕީއެންސީގެ ޗެއާޕާސަންވެސްމެއެވެ.

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެއާއެކު ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން