އިންތިޚާބީ ރައީސްގެ އޮފީސް ޤާއިމުކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އިންތިޚާބީ ރައީސްގެ އޮފީސް ޤާއިމުކޮށްދެއްވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމަށްޓަކައި "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤާއިމު ކުރައްވައިފިއެވެ.

ރައީސް ޞާލިޙް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގާއިމްކޮށްދެއްވިއިރު، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނުގައިވާގޮތުން "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ޤާނޫނުގައި ވާގޮތުން، މިއީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ. އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މަޢުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް އަންގާފައިވެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަނުކުރައްވާ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރު އަޅުއްވާފައެވެ.

މިއަދު އޮންލައިން