ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތުދޭން ސަރުކާރުތައް ބޮޑުތަނުން ފޭލްވެފައި- ހެޔޮ ބަދަލުތަކެއް އަވަހަށް ގެނެވިގެން ނޫނީ ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތުދޭން ސަރުކާރުތައް ބޮޑުތަނުން ފޭލްވެފައި- ހެޔޮ ބަދަލުތަކެއް އަވަހަށް ގެނެވިގެން ނޫނީ ސަލާމަތެއް ނުވެވޭނެ!

މަންހަޖަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ހަރުދަނާ ޖީލެއް ނުއުފެއްދޭނެކަން ޢިލްމުވެރިން ފާހަގަކުރައްވަމުން ގެންދަވާތާ އެތައް އަހަރެއް ފާއިތުވެގެން ދިއައީއެވެ. އިސްލާމް މިނިސްޓަރުކަމުގައި ހުންނަވައިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއްވެސް ކުރައްވައިފައެވެ. ނަމަވެސް އެއްބާރުލުން ދޭނެ ފަރާތެއް އޮތީ ނުލިބިފައެވެ. 

ކޮންމެ އަހަރަކު ދުނިޔޭގެ ފެންވަރުގައި އެންމެ ގަދަ ދަރިވަރުންގެ ތެރޭގައި ރާއްޖޭގެ ދަރިވަރުން ހިމެނޭކަން އެއީ ދިވެހި ދަރިވަރުންގެ ތޫނިފިލިކަން ޔަޤީންވެގެންދާ ސަބަބެކެވެ. އެހީތެރިކަން ބޭނުންވަނީ އެދަރިވަރުންނަށް ދެވޭ ތަރުބިއްޔަތަކީ ހަރުދަނާ ތަރުބިއްޔަތަކަށް ހެދުމަށެވެ. 

މޮޅު ގޮތްގޮތަށް ވިސްނަން ތިއްބައި ، މަޝްވަރާކުރަން ތިއްބައި މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވަމުން އަންނަ ދަރިވަރުން ގިނަވާކަން ޤަބޫލުކުރަންޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލްކުރާ ދަރިވަރުން ގިނަވަމުން އައިސް ބޯކަށިގަނޑު ހިފައިގެން ސްކޫލަށްދާ ދަރިވަރުން މިހާރު އެބަތިބިކަން ޤަބޫލުކުރަންޖެހެއެވެ. ސްކޫލްތެރޭގައި ބޯތަން ނުފެނުނަސް ސްކޫލުން ނުކުންނަ ގޮތަށް މަގުމަތީގައި ކަށިގަނޑުބޯތަން އަންނަނީ ފެންނަމުންނެވެ. 

މިފަދަ އެތައް މައްސަލަތަކެއް ފާހަގަކުރެވޭއިރު މިކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. ބެލެނިވެރިން ޒިންމާދާރުކުރުވައި ދަރިން އިޞްލާޙުކުރަން އިތުރަށް މަސއްކަތްކުރަންޖެހޭކަން އެއީވެސް ޤަބޫލުކުރަންޖެހޭ ކަންކމެކެވެ. 

ކޮންމެ ކަމަކަށްވެސް ސަރުކާރުތައް ދުވާތަން ފެންނަނީ އދ ފަހަތުންނެވެ. އދ ގެ އަމާޒުހުރީ ކުށްކުރުން ހުއްޓުވާކަށް ނޫނެވެ. ކުށްކުރާ މީހުންނަށް ޙިމާޔްތްދީ ކުށްކުރުން ފަތުރުވަންކަން އެއީ ލޮލަށް ހާމަކަންބޮޑުގޮތެއްގައި ފެންނަމުން އަންނަ ކަންކަމެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. ދީނުގެ މަންހަޖު ކުރިއަށް ނެރެފިނަމަ އެކަމުގެ ފައިދާ ހެޔޮގޮތުގައި ކުރާކަން މަޢުހަދާއި ޢަރަބިއްޔާގެ ތަޖުރިބާއިން އަންނަނީ ފެންނަމުންނެވެ. ލޮލަށް އެކަންކަން ފެންނައިރުވެސް ސަރުކާރުތަކުން ހަދަނީ ނުވެސް އެނގޭ ކަމަށެވެ. 

ދީނުގެ މަންހަޖާއިއެއްގޮތަށް ދަރިން ތަރުބިއްޔަތުކުރަން ކޮންމެ ސްކޫލަކީ ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ހަދާކަށް ނުޖެހެއެވެ. ކޮންމެ މީޑިއަމަކަށް ކިޔަވައިދިން ނަމަވެސް ބޭނުންވަނީ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމެވެ. 

މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލް އަދި އީޕީއެސް އާއި އެމްއީއެސް ގެ ކުރީގެ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ހަރުލީ ޢަރަބިބަހުން ކިޔަވައިދީގެނެއް ނޫނެވެ. އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ކިބައިންވެސް ރިވެތި އަޚްލާޤީ ސިފަތައް މިހާރުވެސް ފެންނަމުން އެއަންނަނީ ޢަރަބި މީޑިއަމަށް ކިޔަވައިދޭތީއެއް ނޫނެވެ. ދެވޭތަރުބިއްޔަތުންނެވެ. 

ވީމާ މިކަންކަމަށް ވިސްނައި މަޝްވަރާކޮށް މަންހަޖަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނެވިއްޖެނަމަ މުދައްރިސުންކުރާ މަސައްކަތުގެ ނަތީޖާ ކާމިޔާބުކަމާއިއެކު ފެނުމަށް މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން