ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި އދ.ގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށް އދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޓެންޑް ކޯޑިނޭޓަރ ކެތަރީން ހެސްވެލްވަނީ ވިދާޅުވެއްޖެއެވެ.
ކެތަރީން ހެސްވެލްވަނީ މިހެންވިދާޅުވީ އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އ.ދ. ގެ ރެސިޑެންޓް ކޯޑިނޭޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. މި ގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތައް ފުއްދުމުގައި އދ.ގެ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މިބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.