ލުނބޮއިން ލިބޭ ޞިއްހީ އެތައް ފައިދާތަކެއް!

ކިޔުމަށް ހޭދަވާނީ 2މ 41ސ
ލުނބޮއިން ލިބޭ ޞިއްހީ އެތައް ފައިދާތަކެއް!

އުންމު ނަވާރު

 

ލުނބޯއީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ރުޓޭސީ އާއިލާއަށް ނިސްބަތްވާ ލުނބޯ އެންމެ ފުރަތަމަ ފެނިފައިވަނީ ކޮންތާކުންކަމެއް ދެނެގަނެވެފައެއް ނެތެވެ. ހުތް ރަހަދޭ މި މޭވާގައި ގިނަ އަދަދަކަށް ސިޓްރިކް އެސިޑް އެކުލެވެއެވެ. ލުނބޯގައިދޭ ތަފާތު ރަހައިގެ ސަބަބުން، ބުއިންތަކާއި ޑެޒާޓްތަކާއި އަދި ތަފާތު އެހެނިހެން ކާއެއްޗެހި ތައްޔާރު ކުރާއިރު ލުނބޯ ބޭނުންކޮށް އުޅެއެވެ. ލުނބޯގައި އެކުލެވޭ ވިޓަމިންސްއާއި މިނެރަލްތަކުން ހަށިގަނޑަށް ތަފާތު އެކި ޞިއްހީ ފައިދާ ލިއްބައިދެއެވެ. ލ ލިޔުމުގައި ލުނބޯއިން ލިއްބައިދޭ ބައެއް ފައިދާތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތްކޮށްލާނަމެވެ. 

ލުނބޯއަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެއް: 

ލުނބޯއަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. އެއް ލުނބޯގައި ގާތްގަނޑަކަށް 31 މިލިގުރާމައާއި 50 މިލިގުރާމް ވިޓަމިން ސީ އެކުލެވެއެވެ. މިއީ ގާތްގަނޑަކަށް ދުވާލެއްގެ ކެއުމުގައި ބޭނުންވާ ވިޓަމިން ސީގެ ދެބައިކުޅަ އެއްބައެވެ. ވިޓަމިން ސީ އަކީ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓް އަސަރު އެކުލެވޭ މާއްދާއެކެވެ. މިހެން ވުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާލުވުމުން ސަލާމަތްކޮށް ދިނުމަށް ވިޓަމިން ސީ އެހީތެރިވެއެވެ. އަދި އަހަރަމެންގެ ހަންގަނޑަށް ބޭނުންތެރި މާއްދާއެއްކަމަށްވާ ކޮލާޖަން އުފައްދައިދިނުމަށް ވިޓަމިން ސީ އެހީތެރިވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ސީ ގިނައިން އެކުލެވޭ މޭވާ އަދި ތަރުކާރީ އެއްޗެހި ކެއުމުގައި ހިމަނާނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. 

އަޔަން ޑެފިޝަޔަންސީ އެނީމިއާއިން ރައްކާތެރި ކޮށްދިނުމަށް އެހީތެރިވުން: 

އަޔަން ޑެފިޝަޔަންސީ އެނީމިއާއަކީ ލޭގެ ރަތް ބައި ދަށްވުމާއި ގުޅިގެން ކުރިމަތިވާ ހާލަތެކެވެ. މަހުގެ ބާވަތްތަކުގައި އެކުލެވޭ ދަގަނޑުގެ ބައި ހަށިގަނޑަށް ފަސޭހައިން ނަގައިދެއެވެ. ގަސްގަހާގެހީގައި އެކުލެވޭ ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައި ދިނުމަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަމަވެސް ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް ބޭނުންކޮށްގެން ގަސްގަހާގެހީގައި އެކުލެވޭ ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދޭ މިންވަރު ރަނގަޅު ކުރެވިދާނެއެވެ. ލުނބޯއަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ސިޓްރިކްގެ އަސަރު އެކުލެވޭ މޭވާއެކެވެ. އެހެންކަމުން ގަސްގަހާގެހީގެ ބާވަތްތަކުން ހަށިގަނޑަށް ފޯރުކޮށްދޭ ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދިނުމަށް ލުނބޯ އެހީތެރިވެދެއެވެ. 

ކިޑްނީގައި ހިލަ އުފެދުން ހުއްޓަވައިދިނުމަށް އެހީތެރިވުން: 

ލުނބޯގައި ގިނަ އަދަދަކަށް ސިޓްރިކް އެސިޑް އެކުލެވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސިޓްރިކް އެސިޑް އެހީގައި ކިޑްނީގައި ހިލަ އުފެދުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ސިޓްރިކް އެސިޑުން ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެދެނީ ޔޫރިން ވޮލިއުމް އިތުރުކޮށް، ޔޫރިން ޕީއެޗް އިތުރުކޮށް، ކިޑްނީގައި ހިލަ އުފެދުމަށް އެކަށީގެންވާ މާހައުލެއް އުފެދުމުގެ ފުރުސަތު ކުޑަކޮށްދީގެންނެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ. 

ލިޔުނީ: އުންމު ނަވާރު

މައުލޫމާތު ނެގީ:

www.healthline.com

www.webmd.com

 

މިއަދު އޮންލައިން