އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުންނާއި، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަނުވާކަމަށްބުނެ ބެލެނިވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
170 އަށްވުރެ ގިނަ ބެލެނިވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައިވަނީ ސްކޫލު ބޯޑުގެ ޗެއާޕާސަންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ބޭފުޅާގެ އިތުރުން ބޯޑަށް އިންތިހާބުވެފައިވާ އެހެނިހެން މެމްބަރުންވެސް ސްކޫލުގެ ބޯޑުގެ ބައްދަލުވުމެެއް ބާއްވާ ދިނުމަށް އަރަބިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ އަރިހުން އެދިގެންއުޅޭތާ ދެތިން މަސް ދުވަސްވެފައިވާއިރުވެސް، އެކަމުގައި އެއްވެސް އެއްބާރުލުމެއް ދީފައިނުވާކަމަށެވެ. އަރަބިއްޔާ ސްކޫލުގެ އަލަށް އިންތިހާބު ކުރި ޕީޓީއޭއަށް އެއްވެސް ބައްދަލުވުމެއް ބާއްވާދީފައިނުވާކަން ޕެޓިޝަނުގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސުކޫލަށް ބޭނުންވާ ފޮތްތަކާއި ޓީޗަރުން ހަމަވެފައިނުވާއިރު ސްކޫލުގައި ކިޔަވައިދެވޭ ދުވަސްތަކަށްވުރެ ކުޅިވަރާއި އިތުރު ހަރަކާތްތަކުގެ ދުވަސްތައް އިތުރުވެ، އޭގެ ސަބަބުން އެތައް ފިލާވަޅެއް މަޑުޖެހި ފަސްވެފައިވާކަމަށް ޕެޓިޝަނުގައިވެއެވެ.
އަދި މިއިން އެއްވެސް އެކްޓިވިޓީއެއް ބޭއްވޭއިރު ޕީޓީއޭގެ އެކްޓިވިޓީގެ ކޮމިޓީގެ ރައީސްއަށް ވެސް އަންގާވެސް ނުލާކަމަށާއި ސްކޫލުގެ ކަންކަން ރޭވި ހިނގަމުން ދަނީ އެއްވެސް އިންތިޒާމެއް ނެތި ސީނިއާ މެނޭޖްމަންޓްގައި އިންނަވާ އެންމެ ފަރުދެއްގެ ވިސްނުންފުޅަށް ފެންނަ ގޮތަކަށް އެއްވެސް އެހެން ފަރާތަކާއި މަޝްވަރާ ކުރުމެއް ނެތިކަމަށްވާތީ ބެލެނިވެރިން އެދޭގޮތައް ޕީޓީއޭގެ ބައްދަލުވުންތައް ބާއްވަން އަރަބިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލަށް އަންގައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރުގެ ކިބައިން ބެލެނިވެރިންވަނީ އެދިފައެވެ.
އަދި މަގާމުތަކަށް އިންތިހާބުވެފައިވާ ބެލެނިވެރިންނާއެކު ސްކޫލުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަދިނުމަށް ޕެޓިޝަނުގައިވަނީ ގޮވާލާފައެވެ.
ހަބަރު: ވީނިއުސް