ފެނަކައިން ފައިސާ ނުދިނުމުގެ ސަބަބުން ބަނގުރޫޓުވާ ޙާލަތުގައި ހުރި އަމިއްލަ ކުންފުނިތަކެއް އެބަހުރި ކަމަށާއި މިފަދަ މައްސަލަތައް ބޮޑުވެ މަޖިލީހުގައި މިހާރުވެސް އެޖެންޑާ ކުރެވިފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޢާދަމް ޝަރީފް ވިދާޅުވީ މިފަދަ ޙާލަތަކަށް ސަރުކާރުގެ ކުންފުނިތައް މިދިއައީ ސަރުކާރުން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށްޓަކައި ކުންފުނިތަކުގެ ފައިސާތައް ސަރުކާރުން ބޭނުންވާ ބައަކަށް ބެހުމުން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްކާއި ވާދަކުރާ ކަންކަމުގައި ކުރިހޯދަން މިސަރުކާރުން ކުރާ އެންމެ ޢާންމު އެއް ކަމަކީ ސިޔާސީ މަޤާމްތައް އިތުރުކުރުން ކަމަށެވެ. ސަރުކާރު ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ ބޮލަކަށް 280،000 ރުފިޔާ އާއިގާތްކުރާ ވަރަށް ރައްޔިތުން ދަރަނިވެރިވެފައި މިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ބޮޑުވެގެން ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭނީ އިސްރާފުކުރުމާއި ކޮރަޕްޝަންކުޑަކޮށްގެންކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަންކަމަށް ސަމާލުކަންދޭނެ ކަމަށެވެ.