އިންތިޚާބީ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: އިންތިކާބީ ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
އިންތިޚާބީ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: އިންތިކާބީ ރައީސް ޑރ. މުޢިއްޒު

"އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ. ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށެވެ."   

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާން:   

ދިވެހިރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި އަރިސްކުރަނީ، އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި ތެދުމަގުގައި ދިވެހި އުންމަތް ތާއަބަދަށް ލެހެއްޓެވުން އެދި ކީރިތި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. 

އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުމެވެ. ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީނެވެ. 

ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ. މިއަދުގެ ދުނިޔޭގައި، ފިކުރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުއްޓެވެ. މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތެވެ. 

އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ. ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށެވެ. 

އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ދިވެހި ރައްޔިތުން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. ދިވެހީންގެ ހިތްތައް އިސްލާމީ ހިދާޔަތުގެ މަތީގައި އަބަދުމެ ލަހައްޓަވައި، މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ކޮންމެ ދިވެހި ދަރިއަކީ އިސްލާމްދީނަށް ލޯބިކުރާ، ޤައުމު އިސް ކުރާ، ތެދުވެރި، އަމާނާތްތެރި، ޚުލްޤު ހެޔޮ މުޥާޠިނެއްކަމުގައި ލައްވާށިއެވެ. އާމީން.

 

މިއަދު އޮންލައިން