ރާއްޖޭގަ ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލަން އަޑިގުޑަންތަކެއް ކުރިމަތިވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތްކުރަން ފަސައި ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެކަން ނިންމައިލެވޭނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ބޮޑެތި އަޑިގުޑަންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަސައްކަތްތަކަށް އިންޑިއާއިން އިތުރު ހުރަސްތައް ކުރިމަތިނުކޮށް އެކަން ކޮށްދޭނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. ރާއްޖޭގެ ސިޔާދަތު ރައްކައުތެރިކުރަން އެއްބާރުލުން ދޭނެކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވިދާޅުވެފައިވާކަންވެސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޜާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ދާއިމީ ގޮތަކަށް ތިބުމަކީ ރާއްޖޭގެ ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް އަސްކަރީ ތަމްރީނުތަކާއި ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް އެއުޞޫލުން ކުރިއަށް ގެންދިއުމަށް ހުރަހެއް ނުއޮންނާނެ ކަމަށެވެ.