ފަލަސްތީނުގެ ދިފާޢުގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި ޒުވާނުންތަކެއް އިސްވެ ނަމޫނާ ހަރަކާތެއް ބާއްވައިފިއެވެ.
415 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ އެރަށުގައި ހުކުރު ދުވަހު، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތަކާއި އެއްވުމެއްގެ އިތުރުން ހިނގާލުމެއް ވަނީ ބާއްވާފައެވެ.
ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރުގެ ނިއަލަށް ވާދޫގައިވަނީ ފަންޑުފޮށްޓެއް ބަހައްޓާފައެވެ. އެ ފަންޑުފޮށްޓަށް 41،453. ރުފިޔާ 50 ލާރިވަނީ ޖަމާކޮށްފައެވެ.

މީގެ އިތުރުން، ރަށުގެ ކުދިބޮޑު ރައްޔިތުން ބައިވެރިވި އެއްވުމަކާއި ހިނގާލުމެއް އެރަށުގައި ކުރިއަށް ގެންދިޔައެވެ. މި އެއްވުމާއި ހިނގާލުމުގެ ބައިވެރިންވަނީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ. އަދި ޓެރަރިސްޓު އިސްރާއީލު ނެތިކުރައްވައި އެމީހުންނަށް ލައުނަތްލެއްވުމަށާއި ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ހާއްސަ ދުޢާއެއްކޮށްފައެވެ.
އެއްވުމާއި ހިނގާލުމުގެ ބައިވެރިން ތިބީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ފަލަސްތީނުގެ ދިދަ ފަދަ ތަކެތި ހިފައިގެންނެވެ.
މި ހަރަކާތަކީ ރ. ވާދޫ ކައުންސިލް ނުވަތަ އެއްވެސް މަދަނީ ޖަމިއްޔާއަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ނޫން ކަމަށާއި އެހެން ނަމަވެސް އާންމު ފަރުދުންނާއި ބައެއް ވިޔަފާރިތަކުގެ އެހީ މިކަމުގައި ލިބިފައިވާ ކަމަށް ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ ޒިދާން މުޙައްމަދު "މިއަދު"އަށް މައުލޫމާތު ދީފައިވެއެވެ.