"ބޭން އިސްރާއިލް" ނަމުގައި ސަރފިންގ އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ގުޅިގެން ޕެޓިޝަނެއް ލޯންޗު ކޮށްފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރފިންގ އެސޯސިއޭޝަނުން ބުނެފައިވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލާނީ މި މަހުގެ 28ވާ ހޮނިހިރު ދުވަހު ކަމަށެވެ.
މި ޕެޓިޝަނުގައި ގޮވާލާފައިވަނީ އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްދިނުމަށާއި ރާއްޖޭގައި ރާޅާ އެޅުމުގައި އުޅޭ ދިވެހިންނަށް އިސްރާއީލު ފަތުރުވެރިންގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާތަކާއި ބިރުދެއްކުންތައް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅައިދިނުމަށާއި ސަރފިން ކޮމިއުނިޓީއަށް އިސްރާއީލުގެ ފަތުރުވެރިންގެ ފަރާތުން ކުރިމަތިވާ މި ބާވަތުގެ މައްސަލަތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށެވެ.
އާންމުންގެ ގިނަ ބަޔަކު ނުކުމެ މިކަމަށް އެންމެ ފުރަތަމަ ގޮވާލީ މިދިޔަ ހުކުރު ދުވަހުގެރޭ "ރައިޓް މޫވްމަންޓް"ގެ އިސްނެގުމަކަށް މާލޭގައި ކުރިއަށްގެންދިޔަ ބޮޑު ހިނގާލުމުގައެވެ. ހިންގާލުން ކުރިއަށްގެންދިޔަ ވަގުތާއި ހެންވޭރު ދަނޑަށް އެއްވެ ތިބި ވަގުތުގައިވެސް މިހަރަކާތުގެ ބައިވެރިންވަނީ އިސްރާއީލު ޖަމާއަތުގެ ޔަހޫދީން ރާއްޖެ އައުން މަނާކުރަން ގޮވާލައިފައެވެ.
އިސްރާއީލުގެ ޕާސްޕޯޓް ބޭންކުރުމަށް ގޮވާލާ އަޑުގަދަ ވެފައިވާއިރު ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއި ހަމާސްގެ މުޖާހިދުންނާ އެކު ކަމަށް ދުނިޔެއަށް ހާމަކުރަމުން އަންނާތީ އިސްރާއީލުގެ ޔަހޫދީން ރާއްޖެއަށް ދަތުރު ނުކުރުމަށް އިސްރާއީލުގެ ހާރިޖިއްޔާއިން އަންގައި އިންޒާރުގެ މެސެޖެއް ނެރެފައިވެއެވެ.
އިންޒާރުގެ މެސެޖު އިސްރާއީލުގެ ނޫސް އަރުޓްސް ޝެވާއިންވެސް އާއްމުކޮށްފައިވާއިރު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލާއި ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ މި ދަނޑިވަޅުގައި އިސްރާއީލުގެ ޔަހޫދީ ރައްޔިތުން ރާއްޖެއަށް މި ވަގުތު ދަތުރު ނުކުރުމަށް އެދޭކަމަށެވެ.
އިސްރާއީލުގެ ޔަހޫދީން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ސަރުކާރުން އަންގައި އިންޒާރުގެ މެސެޖެއް ނެރެފައިވާއިރު ރާޅާ އެޅުމަށް އައި އިސްރާއީލުގެ ފަތުރުވެރިއަކު ވަނީ ރާއްޖެއަކީ ހަމާސް ފަދަ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެފައެވެ.
ހަބަރު: ވީނިއުސް