ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރަމުންގެންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.
އަދި މިހާތަނަށް ފެނަކައާ ގުޅޭގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށާއި އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން ވަނީ އެކުންފުންޏަށް އަންގާފައިކަމަށްވެސް އޭސީސީން މައުލޫމާތުދެއެވެ.
މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަމާލުކަމަށް ކޮމިޝަނުން ގެނެސްފައިވާ ކަމަށްވެސް އޭސީސީން ހާމަކުރެއެވެ.
އޭސީސީން މިފަދައިން ބުނެފައިވާއިރު ފެނަކައަށް ތުހުމަތުކުރެވޭ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖުމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށްގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ހަސަން ވިދާޅުވެފައިވަނީ މި މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
އަދި ކުންފުނި ބިލިއަނުން ދަރާފައިވާއިރު އޮޑިޓެއް ހަދައި ކުންފުނިން ދައްކަންޖެހޭ ފައިސާ ދައްކައި ނިންމުމަށް ގޮވާލައި މަޖިލީހުން އަންގާ ގޮތައް އަމަލުނުކުރާ ފަރާތްތަަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ހަސަންވަނީ ގޮވާލާފައެވެ.
ހަބަރު: ވީނިއުސް