ރައީސް ނަޝީދަށް ދިން ހަމަލާގައި ސަރުކާރާއި، ސިޔާސީ ވާދަވެރިންގެ އަތެއް ނެތް: އައްބާސް ފާއިޒް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 39ސ
ރައީސް ނަޝީދަށް ދިން ހަމަލާގައި ސަރުކާރާއި، ސިޔާސީ ވާދަވެރިންގެ އަތެއް ނެތް: އައްބާސް ފާއިޒް

ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އިސްވި ފުރަތަމަ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމުގެ މަގުސަދުގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި، އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު ނުވަތަ ވާދަވެރި ފަރާތްތަކުގެ ވެސް އަދި މިހާރުގެ ސަރުކާރުގެ އެއްވެސް ޝާމިލުވުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައިނުވާކަމަށް އެ މައްސަލަ މޮނީޓާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް މިފަދައިން ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، އެ ހަމަލާއާ ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި، ދައުލަތާއި އިދިކޮޅާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ގުރޫޕުތައް ހިމެނޭ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ނަގައި، އެކަންކަން ފުލުހުން ބެލި ކަމަށް އައްބާސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ތަހުގީގަށް ލިބުނު މައުލޫމާތާއި ހޯދާފައިވާ ކަންކަމަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އަދުގެ ސަރުކާރުގެ ވެސް، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ ވެސް އަދި އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ބައިވެރިވުމެއް އޮތްކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.

އައްބާސް ފާއިޒް ވިދާޅުވީ "މި ހަމަލާދިން ރެއިން ފެށިގެން ވެސް އެކިއެކި ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދިޔަ. އެގޮތުން ސިޔާސީ ގޮތުން ރައީސް ނަޝީދާ އިދިކޮޅު ފަރާތްތަކާއި، ސަރުކާރާއި، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް އަދި ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުންދިޔަ. މީގެއިން ކޮންމެވެސް އެއް ބައެއްގެ އަތެއް ނުވަތަ މީގެތެރެއިން ބަޔަކު ގުޅިގެން ދިން ހަމަލާއެއް ކަމަށް ވެސް ބުނަމުންދިޔަ. މި ހުރިހާ ފަރާތްތަކަށް ކުރެވެމުންދިޔަ ހުރިހާ ތުހުމަތުތަކެއް ވެސް، ވަރަށް ސީރިއަސް ތުހުމަތުތަކެއްގެ ގޮތުގައި ފުލުހުންގެ ތަހުގީގުގައި ބަލާފައިވޭ. އެހެންނަމަވެސް، މި ހަމަލާގެ ފަހަތުގައި ސިޔާސީ ވާދަވެރިން ނުވަތަ އޮޕޮޒިޝަންގެ އަތެއް ވާކަމުގެ ވެސް އަދި ސަރުކާރުގެ އަތެއް ވާކަމުގެ އެއްވެސް ހެއްކެއް ފާހަގަކުރެވިފައެއް ނުވޭ. ހަމައެހެންމެ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ ފަރާތްތަކުން ވެސް މި ހަމަލާގެ ފަހަތުގައި ހުރިކަމަށް ބުނެ ކުރަމުންދިޔަ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައިނުވާތީ، އެ ފަރާތްތަކުގެ އަތެއް މިކަމުގައި އޮތްކަމަށް ވެސް ފާހަގަކުރެވިފައެއް ނުވޭ. އެއީ މި ހަމަލާ ރޭވުމުގެ މަސައްކަތްކޮށްފައިވަނީ، އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް ރައީސް ނަޝީދު އިއުލާނުކުރެއްވުމުގެ މާކުރިންކަމަށް ތަހުގީގަށް އެއްކުރެވުނު މައުލޫމާތުތަކުން އެނގެން އޮންނާތީ". ކަމަށެވެ.

އެކި ގޮތަށް ކުރެވުނު އެކިއެކި ތަހުގީގުތަކުން ވެސް، މި ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ނުވަތަ ބައެއްގެ އަތްކަމަށް އެނގޭކަމަށް އައްބާސް ވިދާޅުވިއެވެ. މި ހަމަލާ ރާވައި، ފައިނޭންސް ކުރުމުގައި ރާއްޖެއިން ބޭރުގެ ބައެއްގެ އެހީތެރިކަން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށާއި އެއީ ސީރިއަސް މައްސަލައެއްކަން އައްބާސް ފާހަގަކުރެއްވިއެވެ. ޝަރީއަތްތައް ކުރިއަށް ދާލެއް ލަސްކަމުން އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެކަމަށް އައްބާސް ވިދާޅުވިއެވެ. ޝަރީއަތްތައް ލަސްވަނީ ކީއްވެތޯ ބެއްލެވުމުން އެކަމުގެ ގިނަ ސަބަބުތަކެއް އެކި އިދާރާތަކުން ދެއްކިކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ޝަރީއަތްތައް އެންމެފަހުން މަޑުޖެހުނީ ކޯޓަށް ކުރިމަތިވެފައިވާ އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އައްބާސް ވިދާޅުވިއެވެ.

ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ބޮމެއް ގޮއްވާލިކަން ސާބިތުވެ، މި މައްސަލައިގައި އަމަލީގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފައިވެއެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން އޭރު ބުނެފައި ވަނީ، އޭނާ އަކީ މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

މީގެ ދެ އަހަރާއި ފަސް މަސް ދުވަސް ކުރިން ހިނގި މި ހާދިސާގައި މިހާރު ޝަރީއަތްތައް ކުރިއަށްދަނީ އިސްހާގާއި, މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ބުނެފައިވަނީ، ދައުވާ އުފުލާފައިވާ ހަ މީހުންގެ ޝަރީއަތް މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ނިންމައި ހުކުމްކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން