އަސްލަމަށް ވެދުން ސަލާމް!
ބައްލަވަ ސަރުކާރު ހިންގަނީ އެމްޑީޕީންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެހެންކަމަށްވާއިރު މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރަން ބޭނުންވެ އެކަން ނުކުރެވޭނަމަ އެކަމާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އޮތީ ކޮން ގުޅުމެއްތޯއެވެ؟
އެހެންކަމަށްވާއިރު ސަރުކާރަށާއި އެމްޑީޕީއަށް ކުރެވެން ހުންނަ ކަންކަން ނުކުރެވުމުގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ ޒިންމާ އުފުއްލަވަން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ޖެހިވަޑައިގަންނަވާނެ ގޮތަކީ ކޮބައިތޯއެވެ؟
އެހެނެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީއެންސީއަށާއި ޕީޕީއެމަށް ކަމަށްވެފައި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުރަސް އަޅަނީ ޕީއެންސީ އާއި ޕީޕީއެމުން ކަމަށްވާނަމަ ތިއަ ދައްކަވާވާހަކައިގައި ބުރަދަނެއް އެބަ އޮތެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށާއި ޕީއެންސީއަށް ނެތި މެޖޯރިޓީ އެމްޑީޕީއަށާއި ސަރުކާރަށް އޮވެމެ ކުރަންޖެހޭ ކަމެއް ނުކުރެވިގެން ދިމާވާ މައްސަލައަކާއި ގުޅިގެން އުފެދޭ އެއްވެސް މައްސަލައެއްގެ ޒިންމާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް އުފުލަން ޖެއްސުވުމަކީ ބުއްދީގެ ހަަމތަކުންވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
އަސްލަމް އެވެ! މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭހައި ހިނދަކު މަޖިލީހުގެ ރައީސް އެހުންނަވަނީ މަޤާމުގައެވެ. މަޖިލީހުގެ ރައީސްގެ ޙައިޞިއްޔަތުން ކުރައްވާ ކަންކަން ޖެހޭނީ ހަމަ ޤަބޫލުކުރާށެވެ! އެއީ ޤާނޫނުން ބޭރުން ކުރެވޭ ކަންކަމަކަށް ނުހެދޭނެއެވެ.
މިއީ މަޖިލީހުގެ ފްލޯއިން ބޭރުގައި އިންތިޚާބީ ރައީސުން ހުވާކުރައްވާ ފުރަތަމަ ފަހަރެއް ނޫނެވެ. ތަފާތަކީ ދަރުބާރުގެއާއި ޖުމްހޫރީ މައިދާނުގައި ހުރި ތަފާތެވެ.
ކެބިނެޓަށް ދުވަހަކު ރުހުން ނުދިނަސް ކުރިއަށް ދައުރުގައި ވަޒީރުކަން ކުރައްވާނީ އެމްޑީޕީން ހުށަހަޅާ ވަޒީރުން ކަމަކަށް ނުހެދޭނެއެވެ. އެމްޑީޕީން ކޮންމެ ގޮތަކަށް ޤަބޫލުކުރިނަމަވެސް މަޤާމާއި ޙަވާލުވެވަޑައިގަންނަވާނީ އިންތިޚާބީ ރައީސްއެވެ. ވަޒީރުކަން ކުރައްވާނީ އެމަނިކުފާނު ޢައްޔަނުކުރައްވާ ވަޒީރުންނެވެ. ޙަޖަމްކޮށްލައްވާށެވެ!
"އެ ޖަލްސާ ބާއްވަނީ މަޖިލިސް ފުލޯއަކު ވެސް ނޫން!"
"މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ އިދާރާއަށް ހުށަހަޅައިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާ ޖަލްސާއެއްގައި އިންތިޚާބީ ރައީސް ކުރައްވާ ހުވައަކީ އެއީ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ކުރެވޭ ހުވައެއް ކަމަށް އެމްޑީޕީގެ ޕީޖީން ގަބޫލުނުކުރާނެ"
"އެގޮތަށް ބާއްވާ ޖަލްސާއެއްގައި ހުވާ ކުރެއްވިޔަސް، އެއަށްފަހު މަޖިލީހަށް ފޮނުއްވާ ކެބިނެޓަށް ރުހުން ނުދޭނެ"
ރަނގަޅަށް ވިސްނަވާލައްވާފައި ވިދާޅުވެބައްލަވާށެވެ! މިވާހަކައިގައި އެއްވެސް ބުރަދަނެއް އެބައޮތްތޯ އެވެ؟