"ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ޚާއްސަ މަަގާމެއް ލިބިފައިވާ ގައުމެއް: މޯދީ

ކިޔުމަށް ހޭދަވާނީ 1މ 55ސ
"ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ޚާއްސަ މަަގާމެއް ލިބިފައިވާ ގައުމެއް: މޯދީ

އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން ގެންދާ ރާއްޖޭގެ 55 ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއަށާއި ، ދިވެހި ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވައި ނެރުއްވި ބަޔާނެއްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ.

އަދި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއްކަމަށާއި މިސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު، ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (އެސް.އޭ.ޖީ.އޭ.އާރް) ގާއިމްކޮށްދިނުމުގައިވެސް ރާއްޖެ އިސްދައުރެއް އަދާކުރާކަމަށް ބޮޑުވަޒީރު މޯދީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިގެން އިންޑިއާއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރުގެ ބަޔާނުގައި ދެއްވާފައިވެއެވެ.

ހަމައެހެންމެ ކުރިއަށްއޮތް އަހަރުތަކުގައި، މަލްޓި ޑައިމެންޝަނަލް ޕާޓްނަރޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެކަމުގައި ގަބޫލުކުރައްވާކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ނިމިގެންމިދާ ރައީސް ސާލިހްގެ ސަރުކާރުގައި އަވަށްޓެރި އެއްވެސް ގައުމަކާ ގުޅުން ބަދަހި ނުކުރާވަރަށް އިންޑިއާއައެކު އޮތް ގުޅުންވަނީ ބަދަހިކޮށްފައެވެ. އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާކަމަށް ވެސް ސިޔާސީ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެގޮތުން ރާއްޖޭގެ ގަވާއިދާއި ގާނޫނާއި ހިލާފަށް އިންޑިއާ ސިފައިން ގާއިމްވެތިބެ، ރާއްޖޭގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލައި، ދާހިލީ މިނިވަންކަމަށް ނުފޫޒުފޯރުވާ "ބަސްކިޔައިދޭ" މައްސަލަ ވަނީ ބޮޑުވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމާއި އަލަށް ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރައީސްކަމާއި ހަވާލުވެލައްވާ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

 

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން