ނިޒާމު ހަރުދަނާކުރުމަށް ސިޔާސީ ޕާޓީތަކަށް އެހީވާނަން: ޑރ މުއިއްޒު

ކިޔުމަށް ހޭދަވާނީ 1މ 31ސ
ނިޒާމު ހަރުދަނާކުރުމަށް ސިޔާސީ ޕާޓީތަކަށް އެހީވާނަން: ޑރ މުއިއްޒު

ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކުރުމަށް ޕާޓީތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ނެގެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ޕާޓީތަކުގެ ނިޒާމު ރަނގަޅުކުރަން ރައްޔިތުން ބޭނުންވާކަމަށާއި، ޕާޓީތަކަށް ގުޅެން ރައްޔިތުންގެ ޝައުގުވެރިކަންވެސް އެބަހުރިކަމަށެވެ. މި ނިޒާމު ހަރުދަނާކުރުމަށް ބޭނުންވަނީ، ޕަޓީތައް ހިންގަވާ ބޭފުޅުންގެ ކިބައިން ގައުމު އިސްކުރުމުގެ ވިސްނުންކަމަށެވެ.

ޕާޓީތައް އުފައްދަނީ ކޮން ބޭނުމެއްގައިކަން ވިސްނައި، ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ޒިންމާދާރުކަމާއި އެކީ ކުރިޔަށްދިޔުމުގެ ވިސްނުން ޕަޓީތަކުގައި އޮންނަކަމަށްވަންޏާ، ޕާޓީތައް އަމިއްލަ ފައިމައްޗަށް ދެތުވެ، އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި އަމިއްލައަށް އިންވެސްޓްކޮށްގެން ޕާޓީއަށް އާމްދަނީ ލިބޭނޭނެގޮތް ހަދައިދިނުންފަދަ ކަންކަން ކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެެވެ. އެހެންނޫންނަމަ ރައްޔިޔުންނަށް ވާނީ ގެއްލުންކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

ކޮންމެ ޕާޓީއަކުންވެސް މި ވިސްނުމުގައި މަސައްކަތްކުރުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުން ކަމެއް ކުރާއިރު، އެކަމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކުރާ ކަމަކަށް ނުވާކަމަށް ފެންނަނަމަ އެކަމެއްގައި އެހެން ޕާޓީތަކުން ކަންކުރައްވާނެ ހަމަ އެންމެ ރަނގަޅުގޮތް ރައްޔިތުންނަށް ހުށައެޅުއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އަދި މިމަގުން ކުރިޔަށްދިޔުމުގަ އިންސްޓިޓިއުޝަނަލް ކުރުމާއި، ސިސްޓަމް ވަރުގަދަކުރުމުގައި ފަންޑާއި، އެހެނިހެން އެހީތެރިކަން ބޭރުގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން